"އިންޑިއާ އައުޓް" ބެނާ މައްސަލައިގެ ހުކުމް މާދަމާ

"އިންޑިއާ އައުޓް" ބެނާ މައްސަލައިގެ ހުކުމް މާދަމާ

Author
މުޙައްމަދު ޝަޒައިމް
28 މެއި 2022 09:54
0

ރައީސް ޔާމީންގެ ގެ، ހ. ދޫވެހީގައި ދަމާފައި ހުރި ބޮޑު ބެނާ ނަގަން ފުލުހުން ހޯދި ކޯޓު އަމުރުގެ މައްސަލައާ ގުޅިގެން ހައިކޯޓްގައި ހިނގަމުންދާ ޝަރީއަތުގެ ހުކުމް އިއްވުން މާދަމައަށް ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން ހ. ދޫވެހީގައި ދަމާފައި ހުރި 40 ފޫޓްގެ ބެނާ ފުލުހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ނަގާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ އެ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށާއި އަދި ބެނާ ނެގުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޔާމީންގެ ފަރާތްޕުޅުން ވަނީ އެ އަމުރު އިސްތިއުނާފް ކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމުގެ ގޮތުން މި މަހުގެ 23 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީނަށް ރައްދު ދީފައެވެ. ދައުލަތުން ބުނި ގޮތުގައި ކޯޓު އަމުރު ނެރެދިނުމަށް ފުދޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް އަމުރުގައި ބަޔާން ކޮށްފައިވެއެވެ. ބަލައި ފާސް ކުރުމުގެ އަމުރުގައި ބަޔާން ކޮށްފައިވާ ކުށުގެ ރުކުންތައް ފުރިހަމަ ނުވާކަމަށް ކަނޑައަޅައިފިނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިގެންދާނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކޯޓު އަމުރަކާ އެކީ ދޫވެއްސަށް ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާގެ ސަބަބުން މީހުންގެ ތެރޭގައި ބިރުވެރިކަން އުފެދޭތީ ކަމަށެވެ. އަދި ބެނާ ނަގަން އެންގުމުން ނުނަގާ ހުރުމަކީ ކުށަކަށްވާތީ ހެކި ހޯދުމަށް ކަމަށެވެ. އެކަމަކު އެ ބެނާ ނޫން އިތުރު ހެއްކެއް ހޯދާފައި ނުވާނެ ކަމަށާއި މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވެސް ނުވާނެ ކަމަށް ބުންޏެވެ. އަދި ގާނޫނީ އިންޒާރު ދީފައި ނުވާނެ ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައިވާއިރު ހުކުމް އިއްވުމުގެ މަޖިލީސް މާދަމާ މެންދުރު ފަހު 3:00 އަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ބެންޗުގައި ހިމެނޭ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އެގަޑިއަށް ޖޭއެސްސީގައި ތާވަލްކޮށްފަ ނެތްތޯ؟ ޢާންމުއުޟޫލަކީ އޮތުން.