އެމްއެފްޑީއޭގެ ހުއްދަ ނެތި އެއްވެސް ފިހާރައެއްގައި ބޭސް ވިއްކުން މަނާކޮށް، އެ އިދާރާއިން އާ ގަވާއިދެއް އެކުލަވާލައިފިއެވެ.
ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ) އިން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. ގަވާއިދު ބުނާގޮތުން، އެ އިދާރާގެ ހުއްދަ ނެތި އާންމު ވިޔަފާރިކުރާ ތަންތަނުގައި ބޭހާއި ބޭހުގެ މާއްދާ ހިމެނޭ ބާވަތްތައް ވިއްކުމާއި، އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ މުޅިން މަނާކަމެކެވެ.
މީގެ އިތުރުން، ރީޓެއިލް ބޭސްފިހާރައެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ހޯލްސޭލްކޮށް ބޭސް ވިއްކުމާއި، ބޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ޚިދުމަތް ދިނުމަކީ ވެސް ހުއްދަ ނެތި ނުކުރެވޭނެ ކަމެއް ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި، ގަޑުބަޑުވެފައި ހުންނަ ބޭހާއި، ކައުންޓަފީޓް ބޭހާއި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން މަނާކޮށްފައިވާ ބޭސް ރާއްޖެ އެތެރެކުރުމާއި، އިޝްތިހާރުކޮށް ވިއްކުމަކީ ވެސް މުޅިން މަނާކަމެއް ކަމަށް ބުނެފައިވެއެވެ.
ބޭހާ ގުޅޭ ސައްޙަ ނޫން މައުލޫމާތު ދޭ ފަރާތްތައް ބްލެކްލިސްޓު ކުރުމުގެ ބާރު ވެސް މި ގަވާއިދުގެ ދަށުން އެ އިދާރާއަށް ލިބިދީފައިވެއެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި، ނަސޭހަތްދިނުމާއި ކަން އިސްލާޙުކުރުމަށް މުއްދަތެއް ދިނުމުގެ އިތުރުން، 10،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ދޫކޮށްފައިވާ ހުއްދަ ދެ ހަފުތާއިން ފެށިގެން އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމާއި، ހުއްދަ މުޅިން ބާތިލުކުރުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ވެސް ވައިރަލް ރޯގާއާއި ހުން ފަދަ ބަލިތަކަށް ދޭ އަސާސީ ބައެއް ބޭސް، މާލެއާއި ރަށްރަށުގެ ބައެއް ކަންމަތީ ފިހާރަތަކުގައި ވެސް ވިއްކާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. ޑޮކްޓަރެއްގެ ލަފައެއް ނެތި، ބޭނުންކުރަން ޖެހޭ މިންވަރު ވެސް ނުދަނެ، މިފަދަ ބޭސް ބޭނުންކުރުމަކީ ސިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ސިއްޙީ މާހިރުން ތަކުރާރުކޮށް އިންޒާރު ދެއްވަމުން ގެންދަވައެވެ.
ކޮމެންޓު ފޮނުވާ