މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެ، އޭގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ފޯރާފައިވާ ކަމަށެވެ. ނަމަވެސް އެ ގެއްލުންތައް ވީ އެންމެ ކުޑަކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ މިކަންކަން މިޓިގޭޓްކޮށް ވާނެ ގެއްލުން މުޅި އަހަރުގެ ނިސްބަތުން ވީހާވެސް ކުޑަކުރަން. އެހެންމެ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިދިޔަ އަހަރަކީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރު. އެ އަހަރަށްވުރެ ދަށްނުވެ ނުވަތަ އެއަހަރުގެ އެރައިވަލް ފިގާ ދަށްނުވެ، ނުވަތަ އެއާ އެއްވަރު ނަންބާސްއިން ނިންމާލެވިއްޖެއްޔާމު އެއީ ވަރަށް ބޮޑު ކުރިއެރުމެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، މިއަހަރުގެ ކުރީކޮޅު ފަތުރުވެރިން އަންނަ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވަމުންދިޔަ ރޭޓް މިހާރު ވަނީ ވަރަށް ބޮޑުތަނުން ކުޑަކުރެވިފައެވެ. މީގެ އިތުރުން، ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރުގައި ރާއްޖެއަށް ލިބިފައިވާ ބުކިންތަކާއި، ސިނާއަތުގެ މާހިރުންގެ ދިރާސާތަކަށް ބަލާއިރު، މިދިޔަ އަހަރު ހާސިލުކުރި ޓާގެޓަށްވުރެ ދަށްނުވެ މިއަހަރު ނިންމާލެވޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް ވެސް ވިދާޅުވިއެވެ.
އެ ޔަގީންކަމުން ދައްކުވައިދެނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ