އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާގެ ބޮލުގައި އަތްލަނިކޮށް، 2009ވަނަ އަހަރު ނަގާފައިވާ މަޝްހޫރު ފޮޓޯއިން ފެންނަ ކުޑަކުއްޖާއާއި އޭގެ 13 އަހަރު ފަހުން ބައްދަލުކުރާ ވީޑިއޯ އޮބާމާ އޭނާގެ ޓުވިޓަރގައި ހިއްސާ ކޮށްފިއެވެ.
ޖެކޮބް ފިލަޑެލްފިއާ ނަމަކަށް ކިޔާ މިކުއްޖާ އޭނާގެ މައިންބަފައިންނާއި އަދި ދޮށީ ބޭބެއާއެކު 2009 ވަނަ އަހަރު ވައިޓް ހައުސްގެ އޯވަލް އޮފީހަށް ޒިޔާރަތްކުރި އިރު އޭނާގެ އުމުރަކީ އެންމެ 5 އަހަރެވެ.
އެ ޒިޔާރަތުގައި ޖެކޮބް އޮބާމާގެ އަރިހުން ސުވާލު ކޮށްފައިވަނީ، އޮބާމާގެ އިސްތަށިގަޑު ހުންނަނީ އޭނާގެ އިސްތަށިގަޑާއި އެއްގޮތަށް ތޯއެވެ. ޖެކޮބްގެ މި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އޮބާމާވަނީ އޭނާގެ އިސްތަށިގަޑުގައި އަތްލުމުގެ ފުރުސަތު ޖެކޮބްއަށް ދިނުމުގެ ގޮތުން ޖެކޮބްގެ އިސްކޮޅާއި އެއްވަރަށް ގުދުވެ، އިސްތަށިގަޑުގައި އަތްލުމުގެ ފުރުސަތު ޖެކޮބްއަށް ދީފައެވެ.
އަދި އެވަގުތުގެ ފޮޓޯ ވައިޓްހައުސް ފޮޓޯގްރާފަރު ނަގާފައި ވެއެވެ. މި ފޮޓޯ ވެގެންދިޔައީ އޮމާބާގެ ވެރިކަމުގައި ނެގި އެންމެ ޚާއްސަ އެއް ފޮޓޯކަމުގައެވެ. އަދި ވައިޓް ހައުސްގެ ފާރުގައި ވަނީ މި ފޮޓޯ ފެންނަހެން ހަރު ކުރެވިފައެވެ.
އޮބާމާ ވަނީ ވާޗުއަލްކޮށް (އޮންލައިންކޮށް) ޖެކޮބްއާއި ބައްދަލުކޮށް ދެމީހުން ދައްކާފައިވާ ވާހަކައިގެ ވީޑިއޯ ޓުވިޓަރގައި ހިއްސާ ކޮށްފައެވެ. އަދި މި ވީޑިއޯ މިހާތަނަށް 1.2 މިލިއަން މީހުން ބަލާފައި ވެއެވެ.
މި ވީޑިއޯ ފެށެނީ އޮބާމާ ޖެކޮބްއަށް ގޮވާ، އޭނާގެ މަތިން ހަނދާންވޭތޯ އަހާ ހިސާބުންނެވެ. "އަޅުގަޑު ހަދާން އެބަހުރި މަނިކްފާނު އަޅުގަޑު ގާތުގައި، ދެން ފެންނަ އިރު އިސްތަށިގަޑު ހުންނާނީ ހުދުވެފައޭ ވިދާޅުވި ހަނދާން،" މި ވީޑިއޯގައި އޮބާމާއާއި މުޚާތަބްކޮށް ޖެކޮބް ބުނެފައިވެއެވެ. "އަހަރެން ހެދީ ދޮގެއް ނޫން،" ހެމުން، ޖަވާބުގައި އޮބާމާ ވިދާޅުވެފައި ވެއެވެ.
މި ވީޑިއޯގައި، އޮބާމާވަނީ ޖެކޮބްއާއި އޭނާއާއި ދެމެދު 2009ވަނަ އަހަރު ދެކެވުނު ވާހަކަތަކުގެ ތަފްސީލްތައްވެސް ވިދާޅުވެ ދެއްވާފައެވެ. ޖެކޮބްގެ ބައްޕައަކީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ޚިދުމަތް ކުރެއްވި، އެމެރިކާގެ މެރިން ސިފައިންގެ މީހެކެވެ. އަދި އޭނާވަނީ އޭނާގެ އަންހެނުންނާއި ދެދަރިން ވައިޓްހައިސްއަށް ގެންގޮސްފައެވެ.
މިވީޑިއޯގައި އޮބާމާވަނީ، ޖެކޮބްގެ ދޮށީބޭބެ ވަރަށް ސީރިއަސްކޮށް ހުރި ހަނދާން ހުންނަ ކަމަށް ވިދާޅުވެ، ދޮށީ ބޭބެ ހަތިޔާރުތަކާއި އަދި ބަޖެޓް ޕްރޮސެސްއީއި ބެހޭގޮތުން ސުވާލު ކުރިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޖެކޮބް ހުރީ އޭނާއާއި ދިމާލަށް ބަހައްޓައިގެން ކަމަށާއި، އަދި ކުރީ މުޅި ތަފާތު ސުވާލެއްކަމަށް އޮބާމާ ވިދާޅުވިއެވެ.
"މި ފޮޓޯ ވެގެންދިޔައީ އަހަރެން އެންމެ ގަޔާވި އެއް ފޮޓޯއަށް- މިއީ ގައުމުގެ ލީޑަރުންގެ ކިބައިން ލީޑަރުން ފެންނަން ހުނާނެ ގޮތް. މިއަދު އޭނާ އެ ގްރޭޖުއޭޓްވަނީ ހައި ސްކޫލުން. އަހަރެމެންގެ އާ ބައްދަލުވުން ބަލާލާ،" އޮބާމާ ވީޑޯއޯއާއެކީ އޭނާގެ ޓުވިޓާގައި ލިޔުއްވާފައި ވެއެވެ.
Jacob Philadelphia was five years old when he visited the Oval Office and asked if his hair was like mine. That photo became one of our favorites – a reminder of the power of seeing yourself in your leaders.
Today, he's graduating from high school! Check out our recent reunion. pic.twitter.com/gB39hFS3Wp
— Barack Obama (@BarackObama) May 27, 2022