ރާއްޖެއިން މީގެ ކުރިން ނުފެންނަ ވައްތަރުގެ ދޫންޏެއް ފެނިއްޖެ

ރާއްޖެއިން މީގެ ކުރިން ނުފެންނަ ވައްތަރުގެ ދޫންޏެއް ފެނިއްޖެ

Author
މުޙައްމަދު ޖިމީ
24 މެއި 2022 02:05
0

ރާއްޖެއިން މިހާތަނަށް ނުފެންނަ ވައްތަރުގެ އައު ދޫންޏެއް ފެނިފައިވާކަމަށް އެންވައިރަމަންޓް ޕްރޮޓަކްޝަން އޭޖެންސީ، (އީޕީއޭ)އިން ބުނެފިއެވެ. އަލަށް ފެނުނު މި ދޫނި  ފެނިފައިވަނީ ލ.އަތޮޅު ހިތަދޫއިންނެވެ. އިނގިރޭސި ބަހުން ވައިޓް ސްޓޯކް ނަމަކަށް ކިޔާ މި ދޫންޏަށް މިހާތަނަށް ދިވެހި ނަމެއް ދީފައެއްނުވެއެވެ. މި ދޫނި ފެނިފައިވަނީ މި އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައިކަމަށް އީޕޭއީ އިން ބުންޏެވެ.

އަލަށް ފެނުނު ދޫނި އެންމެ ވައްތަރީ މާކަނާ އާއި އިރުވައިހުދާއެވެ. އެ ދޫނީގައި ހުންނަނީވެސް އިރުވާހުދާއި މާކަނާގެ ހުންނަފަދަ ކުލަތަކެކެވެ. ރާއްޖެއިން ފެނުނު މި ދޫނީގެ ބޮލާ ހަށިގަނޑުގައި ހުންނަނީ ހުދު ކުލައެވެ. އަދި ފިޔަގަނޑުގެ ވަކި ހިސާބެއްގައި ކަޅު ކުލަހުރެއެވެ.

 

މި ދޫންޏަކީ ވަަރަށް މަދު ފެންނަ ދޫންޏެކެވެ. އާންމުކޮށް ފިނި މޫސުމަށް މި ސަަރަހައްދުގެ ދެ ގައުމުކަމަށްވާ އިންޑިއާއާއި ސްރީލަންކާއިން މި ދޫނި ފެންނަކަމަށް އީޕީއޭއިން ވިދާޅުވެއެވެ. އެެހެންނަމަވެސް މީގެކުރިން ރާއްޖެއިން މި ދޫނި ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

މި ދޫންޏަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު އޮތް ދޫންޏެކެވެ. އެހެންކަމުން މިއީ ދުނިޔޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓްގައި ހިމެނޭ ދޫންޏެކެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ހިޖުރަކުރާ ދޫނިތަކާއި، ރަށްރަށުގައި އާންމުކޮށް އުޅޭ ދޫނިތައް ހިފައި ގެންގުޅުމާ އެ ދޫނިތަކަށް ގޯނާކޮށް ހެދުމަކީ މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.