ޖަރުމަނަށް ކަނޑައަޅާ އައު ސަފީރުކަމަށް ޝަން ހަމަޖައްސަން ރުހުންދީފި

ޖަރުމަނަށް ކަނޑައަޅާ އައު ސަފީރުކަމަށް ޝަން ހަމަޖައްސަން ރުހުންދީފި

Author
މުޙައްމަދު ޖިމީ
24 މެއި 2022 12:02
0

ރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާ އައު ސަފީރުކަމަށް އާއިޝަތު ޝާން ޝާކިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. ޝާންއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެންބަރުންގެ އިއްތިފާގުންނެވެ.

ޝަންއަށް ރުހުން ދޭން ފެންނަކަމަށް އެ މައްސަލަ ދިރާސާކުރި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކުރީ މިމަހުގެ 16ގައެވެ.

ޝާން ޝާކިރު މިހާތަަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އެކަމަނާއަކީ ރާއްޖޭގައި ޗީފް ޕްރޮޓޮކޯލްގެ މަޤާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ. އެ މަޤާމަށް އެކަމަނާ އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ގައެވެ. ޝާން ޝާކިރު ވަނީ ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ސަފީރުކަންވެސް ކުރައްވާފައެވެ.

އެކަމަނާ ވަނީ މީގެކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަޤާމުގެ އިތުރުންވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.

ޖަރުމަންވިލާތަށް ރާއްޖެއިން ކަނޑައަޅާ އައު ސަފީރުކަމަށް ޝާން ޝާކިރު އައްޔަންކުރެއްވުމަށް ސަރުކާރުން ނިންމެވިިއިރު، މިހާތަނަށް ޖަރުމަންވިލާތުގައި ސަފީރުކަމުގައި ހުންނެވީ އަޙްމަދު ލަޠީފެވެ. ރައީސުލްޖުމްހޫރިއްޔާ މިމަހުގެ ފުރަތަމަ ދުވަހު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމަށް އަޙްމަދު ލަޠީފް އައްޔަންކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.