އިންޑިއާއިން ރާއްޖޭގައި ހިންގާ ޖަރީމާތައް ނުފޮރުވޭނެ، ދުނިޔެއަށް ހާމަކޮށްދޭނަން: ޔާމީން

އިންޑިއާއިން ރާއްޖޭގައި ހިންގާ ޖަރީމާތައް ނުފޮރުވޭނެ، ދުނިޔެއަށް ހާމަކޮށްދޭނަން: ޔާމީން

Author
މުޙައްމަދު ޝަޒައިމް
22 މެއި 2022 11:32
0

އަވަށްޓެރި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މިނިވަންކަމާއި ޚިލާފް ބޮޑެތި ޖަރީމާތަކަކީ ފޮރިވޭނެ ކަންތައްތަކެއް ނޫންކަމަށާއި، އެކަންތައް މުޅި ދުނިޔެއަށް ހާމަކޮށްދެއްވާނެކަމަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މިނިވަންކަމާއި ދެކޮޅު ހަރަކާތްތަކާއި ދެކޮޅަށް މިސަރުކަރުން ކުރިމަތި ކުރަމުންދާ ފިއްތުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރޭ ޕީޕީއެމްގެ އޮފީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ހިންގަމުންދަނީ ބޮޑެތި ޖަރީމާތަކެއްކަމަށެވެ. "އިންޑިއާ އައުޓް" ގެ ނަމުގައި ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ދިވެހި ރައްޔިތުން ކުރުމުން އެކަން ހުއްޓުވަން އުޅެނީ އިންޑިއާގެ ޖަރީމާތައް ފޮރުވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ގޮވުން ދުވަސްކޮޅަކަށް ހުއްޓުވައި ބެނާތައް ނެގިދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހިތުގެ ޝުއޫރާއި، ވިސްނުމުގައި ހުރި ޚިޔާލާއި، ރައްޔިތުން ޤައުމަށްޓަކައި ވާން ބޭނުންވާނީ ޤުރުބާނީ ފުހެލާނެ ގޮތެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙާއި އޭނާއާއެކު އުޅޭ ބަޔަކު މީހުން އިންޑިއާއަށް އަޅުވެތިވިޔަސް، އިންޑިއާ މީހުންވެސް ޤަބޫލުކުރަންވާނެ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އެމީހުންނަށް އަޅުވެތިވާނެ ބައެއްވެސް ނޫން. މި ޕާޓީއެއް އެމީހުންނަކަށް އަޅުވެތިއެއް ނުވާނެ. މިމީހުންނަށް ކީއްތަ އިރުއަރާ އޮސެންދެން "އިންޑިއާ އައުޓް" ގޮވިއްޔާ. އަޅުގަނޑުމެން ގޮވާނަން އެކަމެއް ނުވެސް ހުއްޓުވޭނެ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ އިން ހިންގަމުންދާ ޖަރިމާތައް ދުނިޔޭގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން އިސްވެ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން އިންޑިއާ އިން އެހާ ވަރަށް ބޭނުން ވަނީ އިންޑިއާ އިން ރާއްޖޭގައި ހިންގަމުންދާ "ޖަރީމާ" ތައް ފޮރުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ފޮރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ "ޖަރީމާ" ތައް މުޅި ދުނިޔެއަށް ހާމަ ކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ވަނީ އިންޑިއާގެ ދަށުވެފައިވާ މިންވަރުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މިހާވަރަކަށް ދެއްތޯ ބަޔަކު ދެން ދަށުވާނީ. އެއްވެސް ކަހަލަ އިއްޒަތެއް އަބުރެއް ޝަރަފެއް ދަންނަ ބައެއް ނޫން މިއީ. އެހާ ބޮޑަށް ފިތިފަ ބާރުވެފައި އެ ތިބީ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ހައްޔަރު ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެކި ތުހުމަތުތަކުގައި ސާފު ހެކި ހުރި ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ހައްޔަރު ކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. އަދި ފުލުހުން ތައްޔާރު ކުރާ އިންޓެލިޖެންސް ރިޕޯޓަކީ މިއަދު އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ރިޕޯޓެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ވަރަށް ބޮޑަށް އިންޑިއާ ދަށުވެ ފިތިބާރުވެފައި އޮތް ސަރުކާރެއް ކަމަށެވެ. "އެއްވެސް ކަހަަލަ އަބުރެއް އިއްޒަތެއް ޝަރަފެއް ދަންނަ ބައެއް ނޫން. އެހާވަރަށް ތިބީ ފިތިބާރުވެފައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.