މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދިޔަ އެކަކު ފުލުހުންނަށް ފިލަން ފާހާނާއެއްގެ ތެރެއަށް ވަދެ އޮއްވައި މިއަދު ހައްޔަރުކޮށްފިއެވެ.
އެ މައްސަަލައިގައި ހޯދަން ފުލުހުން މިއަދު އިއުލާންކުރީ މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު 34، އެވެ. ފުލުހުން ބުނީ، އަބްދުލްޣައްފާރު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާގައި ފިލާ އޮއްވައި މިއަދު ހަވީރު 5:12 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަބްދުލްޣައްފާރު ހޯދަން އިއުލާންކުރީ، އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމަށް ބުނެއެވެ. ކުރީގެ ރައީސް ޔާމީންގެ ގެކޮޅާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މީހަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހު ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް ރައީސްގެ ޤަރާރަށްފަހުވެސް މާލޭގެ މަގުތަކަށް އިންޑިއާ އައުޓް ކަރުދާސް އެޅުމާއި، އިންޑިއާ އައުޓްގެ އެކުރުތަކަށް ބަދަލު ގެނެސް ބެނަތައް ދެމުން ވަނީ އާންމުވެފައެވެ.
ކޮމެންޓު ފޮނުވާ