ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭ ކުރި މައްސަލާގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެރޭ ރައީސް ޔާމީންގެ ގެކޮޅު، ހ.ދޫވެހީގެ ދޮރަށާއި، ގަރާޖުގެ ގޭޓުގައި އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާ ވަނީ ސްޕްރޭކޮށްފައެވެ. އަދި ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް ވަނީ އެ ލިޔުން ސްޕްރޭކޮށްފައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އަޅުވާ ބައެއް ލިޔެކިޔުންތައްވެސް އެ ސަރަހައްދަށް ވަނީ އަޅާފައެވެ.
ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުން ދީފައިވާ މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު އިއްޔެ ހެނދުނު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ވަނީ އިންޑިއާ އައުޓް މާލޭގެ އެކި ތަންތަނުގައި ސްޕްރޭ ކުރަމުންދާ މީހަކުވެސް ހޯދަން އިއުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ