ހައި ސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، 6 ރަށެއްގައި ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޕްލެޓްފޯމްތައް އެޅުމަށް އެކުންފުންނާ ހަވާލުކޮށްފައިވަނީ ހއ. ކެލާ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި ސިޓީގައެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
ހައި ސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް 06 ރަށެއްގައި ގާއިމް ކުރަން @MTCCPlc އާ ހަވާލުކޮށްފި. އެ ރަށްތަކަކީ، ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހއ. ދިއްދޫ އާއި ހއ. ހޯރަފުށި އަދި ހއ. ކެލާ. pic.twitter.com/yLzjm2o4f4
— Min.of National Planning, Housing & Infrastructure (@MoNPHImv) May 16, 2022
މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ޒޯން އެކެއްގައި ފެރީގެ ޚިދުމަތް ދޭން އެމްޓީސީސީން ފަށާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ.
މި ޚިދުމަތަށް އެމްޓީސީސީން ތަޢާރަފްކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގައި ހިމެނޭ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މި ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ.
ކޮމެންޓު ފޮނުވާ