އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް)ގައި ބައިވެރިވުމަށް ރެޖިސްޓަރވުމުގެ ފަހު ތާރީހަކީ މާދަމާ ކަމުން އެކަން އެމްޓީސީސީން ހަނދާންކޮށްދީއެވެ.
އެމްޓީސީސީން ބުނީ، އަހަރީ އާންމު ޖަލްސާ އޮންނާނީ 19 މެއި ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ. ޖަލްސާގައި ބައިވެރިވެވޭނީ އޭޕްރީލް މަހު 18ގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.
މާލީ ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ %21 އިތުރެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.
2021ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީ 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.50 ރުފިޔާއެވެ. މިއީވެސް އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދުކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ