އެމްޓީސީސީގެ ވަޒީފާތަކަށް 120 ދިވެހިން ހޯދަނީ

އެމްޓީސީސީގެ ވަޒީފާތަކަށް 120 ދިވެހިން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
16 މެއި 2022 06:12
0

އެމްޓީސީސީގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ 120 ދިވެހި މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން ސައިޓްގައި ލޭބަރުންގެ ގޮތުގައި އެއްއަހަރުގެ ކޮންޓްރެކްޓްގެ މުއްދަތަކަށް މަސައްކަތް ކޮށްދޭނެ 120 ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށެވެ. ޖޮއިންޓީމްއެމްޓީސީސީ ނަމުގައި ކުރިއަށް ގެންދާ އޯޕެން ޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ހުޅުވާލާފައިވާ މަގާމުތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 10,300 ރުފިޔާއާއި 13,700 ރުފިޔާއާ ދެމެދުގެ މިންވަރެއް ލިބޭނެ ކަމަށެވެ. އެއީ އަސާސީ މުސާރައާއި އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އެލަވަންސްތަކާއެކު ޖުމްލަކޮށް މަހެއްގެ މައްޗަށް ޖެހޭނެ އަދަދު ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ފަރާތުން ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމާއި ސްޓާފް މެޑިކަލް އިންޝޫރަންސް ދިނުމުގެ އިތުރުން ޕެންޝަން ސްކީމްގައި ބައިވެރިކޮށްދޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުތި ކަމުގައި ބުނެފައި ވަނީ އަސާސީ ތައުލީމް ހާސިލްކޮށްފައިވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތަކަަށް ވުމާއެކު އެ ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވޭނެ ފަރަތެއް ކަމުގައިވުމާއެކު ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުމެވެ.

މި ވަޒީފާގެ އަމަލީ މަސައްކަތް ކަމުގައި ބުނެފައި ވަނީ ކުންފުނިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި އަމަލީގޮތުން މަސައްކަތްކޮށް ހަވަލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން ކަމުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އެމްޓީސީސީން ބުނީ މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ކަމަށެވެ. އެމްޓީސީސީން ބުނީ މި ފުރުސަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކުންފުނީގެ ހޮޓްލައިން 1650 ގުޅުމުން މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.