އއ.އުކުޅަހާއި، އދ.ދިގުރަށާއި، ށ.މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި، ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ މި މަޝްރޫޢުތައް ހަވާލުކުރުމަށް މިއަދު އެ މިނިސްޓްރީގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތު ތަކުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
އުކުޅަހު ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އެއް އަހަރުތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ ދަށުން ހަތަރުހާސް ނުވަސަތޭކަ ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކޮށް، 489 މީޓަރުގެ ބްރޭކްވޯޓާއެއް ޤާއިމުކޮށް 69 މީޓަރުގެ ރިވެޓްމަންޓު ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 3 މީޓަރު ފުޅާ ބްރިޖަކާއި 130 މީޓަރު ފުޅާ ޖެޓީއެއްވެސް މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އއ. އުކުޅަސް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް @MTCCPlc އާ ހަވާލުކޮށްފި.
37،282،051.06 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/v0IEtMHm03— Min.of National Planning, Housing & Infrastructure (@MoNPHImv) May 12, 2022
ދިގުރަށުގެ ބަނދަރު އަޕްގްރޭޑުކުރުމަށް ޙަވާލުކޮށްފައިވަނީ 19 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގައި 33000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.
އދ. ދިގުރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް @MTCCPlc އާ ހަވާލުކޮށްފި.
53،025،367.58 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ 570 ދުވަހުގެ ތެރޭގައި ނިންމުމަށް pic.twitter.com/IT0pCytYjj— Min.of National Planning, Housing & Infrastructure (@MoNPHImv) May 12, 2022
މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 15 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، 59.7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ސަރަޙައްދުން 59000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށާއި، ބަނދަރަށް ވަންނަ ނެރު ހިމެނޭ ސަރަޙައްދުން 3000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަސައްކަތް @MTCCPlc އާ ހަވާލުކޮށްފި.
59،713،156.38 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ 475 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/ljPtovtZNl— Min.of National Planning, Housing & Infrastructure (@MoNPHImv) May 12, 2022
ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެތެރެއިން ދިޔަމިގިލީގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވަނީ 23 މިލިއަނަށްވުރެ ގިނަ ރުފިޔާއާށެވެ. ވިލުފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ޙަވާލުކޮށްފައިވަނީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 4 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ކޮމެންޓު ފޮނުވާ