އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަރާލަން ދިންހަމަލާ ފޮރުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް އެމަނިކުފާނު ގަންދީ ހުވާކޮށްފިއެވެ.
ރައީސް ނަޝީދަށް މިދިޔަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެސްޓް ހަމަލާއަށް އަހަރު ފުރިފައިވާއިރު، ހަމަލާގެ ޝަރީއަތް އެންމެ އެކަށީގެންވާ ނުދާތީ ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާގެ ވާހަކަ އިތުރަށް ތިލަވެފައިވަނީ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދާއި، އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުންނާއި ދެމެދު ހިނގި ޒުވާބެއްގައެވެ.
މިޒުވާބުގައި ރައީސް ނަޝީދުވަނީ މީގެ ކުރިން އެމަނިކުފާނު މިމައްސަލާގައި ވިދާޅުނުވާ ބައެއް ވާހަކަތައްވެސް ވިދާޅުވެފައެެވެ. ރައީސް ނަޝީދު ވިދާޅުވީ ހަމަލާ ރޭވުމުގައާއި، ހަމަލާގެ ކަންކަން ހިނގަދިޔަގޮތް ފޮރުވުމަށް ސަރުކާރާއި ގުޅިގެން މަޖިލީހުގެ ސަރުކާރަށް ތާއީދު ކުރާ ބައެއް މެމްބަރުން މަސައްކަތް ކުރާކަމަށެވެ.
މާތް ރަސްކަލާންގެ ގަންދީ ހުވާކޮށް އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑަށް އެނގިފައިވާ މިންވަރުން އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވުން ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ ތިޔަބޭފުޅާއާއި، އާރުކާޓީ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިވާހަތައް އެންމެ ބޮޑަށް އަމާޒުކުރީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިކަން ފޮރުވުމަށް ސަރުކާރާއި ގުޅިގެން އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ އަނދުން ހުސެއިންކަމަށެވެ. ނަޝީދުގެ ވާހަކަތާއި ގުޅިގެން އަނދުން ހުސެއިން ވިދާޅުވީ މީހެއްގެ ބޮލުގައި ކަންކަން އަޅުވަން ވާނީ އެކަމުގެ ސާފު ހެކި ހުރެގެން ކަމަށެވެ.
ރައީސް އަޅުގަނޑު ކުރާ ތަހުގީގެއް ނޫން. އެކަން ނުހިނގަންޏާ ޖޭއެސްސީއާއި، މަޖިލިސް އިން ބަލަންވީ. މީހުންގެ ބޮލުގައި ކަމެއް އަޅުވާލަންވެސް އޮންނާނެ ހައްދެއް. އެއީ ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަކުން އަޅުވަންޖެހޭ ބަދުނާމެއްނޫން.
– އަނދުން ހުސެއިން ވިދާޅުވިއެވެ.
މިވާހަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިދައްކަނީ މީހަކު މަރާލަން އުޅުނު ވާހަކަ ކަމަށާއި، މިކަމުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސަރުކާރާއި ގުޅިގެން މިކަން ފޮރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ މެމްބަރަކީ ހުސެއިން ޝަހީމްކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ދިގުލައިގެންދާނަމަ، ޖިނާއީ އަދުލުގެ ނިޒާމަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަމަށް މި ހަމަލާގެ ޝަރީއަތް ހިނގާ ނުހިނގާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު، އައްބާސް ފާއިޒުވެސް ވަނީ ވިދާޅުވެފައެވެ.
އައްބާސްގެ ބަޔާނުގައި ރައީސް ނަޝީދަށް ދިން ޙަމަލާގެ ތަޙުޤީޤުކުރުމާއި ދަޢުވާއުފުލުމުގެ މަރުޙަލާގެ ޓައިމްލައިނާ އެއްގޮތަށް ޝަރީޢަތްތައް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފައެވެ. އަދި މި ޝަރީޢަތްތައް އިތުރު ލަސްތަކެއްނުވެ ކުރިއަށްގެންދިއުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
މިފަދަ މުހިއްމު ޝަރީޢަތެއް ލަސްވުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރު ކުޑަވެ، ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށްވެސް އައްބާސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ރޭޒަރު ފުށް އަޅާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އޭގެ 11 އެތިކޮޅު ނަޝީދު ހަށިކޮޅުން ޑޮކްޓަރު ވަނީ ނަގާފައެވެ. އަދި ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށްވެސް އަނިޔާވިއެވެ.
One Response
Anni aky paaparah satanyah ves gandhee huvaa kuraaa meeheh. Quruan aa Rasoolaaage Sunnathuge badhaluga ehen ehcheh hoadhan buni meehaaahe kon dheeneh onnany?