މަސްކިރުމަށް ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ޙައްލެއް ހޯދައިދޭނަން: ރައީސް

މަސްކިރުމަށް ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ޙައްލެއް ހޯދައިދޭނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
08 މެއި 2022 07:27
0

މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ޙައްލުތަކެއް ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. އަދި މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މީގެ އިތުރުން މަސްބާނާ ސަރަޙައްދުން މަސްކިރަންދާންޖެހޭ ސަރަޙައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަޙައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަސްވެރިންނަށް ހުރި ދަތިތައް ޙައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

އަދި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވައި، އެގޮތުން ދެކުނުގެ މަސްވެރިކަމުގެ ތަރައްޤީއަށް ކުރެވޭ ކަންކަން ކުރިޔަށްގެންދިއުމުގައި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ޙައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާއެކު ދާއިމީ ޙައްލެއް ހޯއްދެވުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.