އަހުދު އާކޮށް، ޤައުމުގެ ހައްގުގައި ތެދުވުމަށް ރައީސް ޔާމީން ގޮވާލައިފި

އަހުދު އާކޮށް، ޤައުމުގެ ހައްގުގައި ތެދުވުމަށް ރައީސް ޔާމީން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
07 މެއި 2022 09:18
0

ދިވެހި ޤައުމަށްޓަކައި ވެފައިވާ އަހުދު އައުކޮށް، ޤައުމުގެ ހައްގުގައި ތެދުވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނު ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވިފަހުން އެކި މެސެޖްތައް ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވަމުންނެވެ. މިރޭ އެމަނިކުފާނު ކުރެއްވި ޓުވީޓުގައިވެސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. އަދި ދިވެހި ގައުމުގެ ހައްގުގައި ތެދުވުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ. އެމަނިކުފާނުގެ މި ގޮވާލެއްވުމަަށް ގައުމީ ހިދުމަތުގައި ތިއްބެވި ވަފާތެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ ގައުމަށްޓަކައި ވެފައިވާ އަހުދު އަައުކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު އަހުދު އާކުރެއްވުމަށް ވިދާޅުވެފައިވަނީ ޤައުމީ ސަލާމަތީ ބާރުތަކުގައި ތިއްބެވި ބޭފުޅުންނަށް ކަމަށް ބެލެވެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ރައީސް ޔާމީން ޖަލުން މިނިވަން ވުމާއި އެކީ އިތުރަށް ފުޅާ ކޮށްފައިވާއިރު، އެހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ވެސް ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ސަރުކާރުން ވަނީ އިންޑިއާ އައުޓް ހަރަކާތް ހުޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނެފައެވެ.

އެގޮތުން އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކާކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ވަނީ ނިންމާފައެވެ. ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވާފައެވެ.

އިންޑިއާއައުޓް ބެނާ ދެމުމާއި، އިންޑިއާ އައުޓް އެއްވެސް ހަރަކާތެއް ހިންގައިފިނަމަ ފުލުހުން ކޯޓު އަމުރާއެކު، އެހަރަކާތެއް ހުއްޓުވުމަށް މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.