2019ވަނަ އަހަަރު ނިމެނުން ދަނިކޮށް ދުނިޔެއަށް ކުރިމަތިވި ކޯވިޑް ކާރިސާގައި، 2020 ވަނަ އަހަރާއި 2021ވަނަ އަހަރު، ދުނިޔެއިން 15 މިލިއަން މީހުން މަރުވެފައިވާ ކަމުގައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
މިއީ، ސީދާ ބައްޔާއި ގުޅުންހުރެގެން ދުނިޔެއިން މަރުވެފައިވާ ކަމަށް ކުރިން ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ އަދަދުގެ 3 ގުނަ އިތުރު އަދަދެކެވެ.
ގިނަ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު އިންތިޒާރު ކުރަމުންއައި، ކޯވިޑް ކާރިސާގެ ސަބަބުން (ނުސީދާ ގޮތުންވެސް ކޯވިޑް ކާރިސާއާއި ގުޅުންހުރެގެން) މަރުވި މީހުންގެ އަދަދު ޑަބްލިއުއެޗްއޯއިން ހާމަކުރުމުން، ކޯވިޑް ކާރިސާގެ އަސަރު ދުނިޔެއަށް ކޮށްފައިވާ މިންވަރު މިހާރުވަނީ ކުރިޔަށްވުރެ ބޮޑަށް ވަޒަން ކުރެވިގެން ގޮސްފައެވެ.
"ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން، މުޅިން އަލަށް ކޮށްފައިވާ އަންދާޒާއިން ދައްކާފައިވާ ގޮތުގައި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން، 2020ވަނަ އަަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2021ވަނަ އަަހަރުގެ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް 14.9 މިލިއަން މީހުން (13.3 މިލިއަނާއި 16.6 މިއަނާ ދެމުދުގެ އަދެދެއްގެ މީހުން) ވަނީ ދުނިޔެއިން މަރުވެފަ،" ޔޫއެން ހެލްތު އޭޖެންސީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
2019ވަނަ އަހަރު ނިމެމުން ދަނިކޮށް އެންމެ ފުރަތަމަ ޗައިނާއިން ފެނުނު ކޯވިޑް19 އަކީ އާލަމީ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައިވަނީ 2020ވަނަ އަަހަރުގެ ޖެނުއަރީމަހުގެ 20ވަނަ ދުވަހުއެވެ.
2020ވަނަ އަހަރާއި 2021ވަނަ އަހަރު، ދުނިޔޭގެ ގައުމުތަކުން 5.42 މިލިއަން މީހުން މަރުވެފައި ވާކަމަށް، އެގައުމުތަކުން ޑަބްލިއުއެޗްއޯއަށް ރިޕޯޓު ކޮށްފައި ވެއެވެ. މިއަދަދު މިއަހަރުގެ މިހާތަނަށް މިހާރުވަނީ 6.24 އަށް އިތުރުވެގެން ގޮސްފައެވެ.
ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި، ބައްޔާއި ގުޅުންހުރެގެން އިތުރަށް މަރުވެފައިވާ މީހުންގެ %84 ނިސްބަތްވަނީ ސައުތު އޭޝިއާގެ ގައުމުތަކުގެ އިތުރުން އެމެރިކާ އަދި ޔޫރަޕް ބައްރަށެވެ. އަދި އިތުރަށް މަރުވެފައިވާކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ %68އަކީ އެންމެ ދިހަ ގައުމަކުން މަރުވެފައިވާ މީހުންނެވެ.
މީގެތެރޭގައި %57 މީހުންނަކީ ފިރިހެނުންނެވެ. އަދި %43 މީހުންނަކީ އަންހެނުންނެވެ.