ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭފަހު ވަގުތު ތަފާތު ހިތްވަރެއް ދައްކައި، ރެއާލް މެޑްރިޑުން 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީންނެވެ. މިގޮތުން ރެއާލް ފައިނަލުން ޖާގަ ހޯދީ 5-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާވެސް އުދައްދަން މަސައްކަތް ކުރަމުންނެވެ.
ފުރަތަމަ ހާފްގައި ރެއާލްއަށް އޮން ޓާގެޓަށް އެންމެ ހަމަލާއެއްވެސް އުފެއްދިފައި ނުވާއިރު، ސިޓީން އޮން ޓާގެޓަށް ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ސިޓީން އުފެއްދި އޮން ޓާގެޓަށް ހަމަލާތައް ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު ބެނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރިޔާދް މަހްރޭޒްއެވެ. މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ ރެއާލްގެ ގޯލު ފޫއަޅުވާލަން ގިނަ ފުރުސަތުތައް ހޯދަމުންނެވެ.
މި މެޗުގެ ނަތީޖާ ރެއާލްއިން އަނބުރާލީ އިތުރު ވަގުތުގެ ތެރޭގައެވެ. މިގޮތުން 90 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު ރޮޑްރިގޯ ނަތީޖާ ހަމަހަމަކޮށްފައިވާއިރު، އޭގެ މިނެޓެއް ފަހުން ޑެނިއަލް ކަވަހާލްގެ އެހީތެރިކަމާއެކު ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރެއާލްއަށް ލީޑު ނަގައިދީފައެވެ.
މި ލަނޑުތަކަށްފަހުވެސް ރެއާލްއިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓު ތެރޭގައި ހޯދާފައެވެ. ނަމަވެސް ސިޓީން ވަނީ ރެއާލް ހިފަހައްޓާފައެވެ. މެޗުގެ ކުޅުން ނިމިފައިވަނީ 5-5 ގެ ނަތީޖާއަކުން އެގްރިގޭޓް ނަތީޖާ އެއްވަރުވެގެންނެވެ. މިގޮތުން ނަތީޛާ ނެރުމަށް ދެން ކުޅެފައިވަނީ 15 މިނެޓުގެ ދެ ހާފްއެވެ.
އެކްސްޓްރާ ޓައިމް ފެށިގެންވެސް ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ 95 ވަނަ މިނެޓުގައި އެގްރިގޭޓް ނަތީޖާވެސް އަނބުރާލާފައެވެ. މި ލަނޑު ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބެންޒެމާއެވެ.
ރެއާލުން 17 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދިއިރު، މި މަހު 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ކުޅޭ ފައިނަލުގައި ރެއާލް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލުން ވަނީ 1981 ވަނަ އަހަރު ޕެރިހުގައި ކުޅުނު ޗެމްޕިއަންސް ލީގު (ޔޫރަޕިއަން ކަޕް) ފައިނަލުގައި ރެއާލް އަތުން 1-0 އިން މޮޅުވެފައެވެ. އެކަަމަކު، އެންމެ ފަހުން 2018 ވަނަ އަހަރުގެ ފައިނަލުގައި ރެއާލުން ވަނީ 3-1 އިން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފައެވެ.