މެއި 6ގެ ހަމަލާއަށް އަހަރެއް: އާއިލާއިން ކަންބޮޑުވުމާއެކު ގޮވާލީ ތަހްގީގް ފުޅާކުރުމަށް

މެއި 6ގެ ހަމަލާއަށް އަހަރެއް: އާއިލާއިން ކަންބޮޑުވުމާއެކު ގޮވާލީ ތަހްގީގް ފުޅާކުރުމަށް

Author
މުޙައްމަދު ޖިމީ
05 މެއި 2022 11:09
0

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެމެއި މަހުގެ 6ގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ތިބި ފަރާތްތައް ހޯދާ އެ މީހުންގެ މައްޗަށް ތަހުގީގެއް ހިންގާފައި ނުވާ ކަމަށްބުނެ ރައީސް ނަޝީދުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރައީށް ނަޝީދުގެ އާއިލާއިން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ހަމަލާއަށް އަހަރެއް ވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު ގ. ކެނެރީން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަން ބޮޑީގާޑުންނާއެކު ވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރަށް ބައެއް ބޮޑީގާޑުންނާއި ބައެއް އާންމުންނަށްވެސް އަނިޔާވއެވެ.

އެމަނިކުފާނުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ، އެ ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދާ އެ ހަމަލާއާ ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހުގީގުކޮށްފައި ނުވާތީ އާއިލާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ދަޢުވާއުފުލާފައިވާ 4 މީހުންނަކީ، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)އެވެ.

ދައުވާ އުފުލާފައިވާ އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެ ދިނުމުގެ ކުށެވެ. މި ދެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.