އޭޑީކޭ ހޮސްޕިޓަލްގެ ބަލިމީހުންނަށް، ހޮސްޕިޓަލަށް ހާޒިރުނުވެ ސިއްހީ ގިނަ ހިދުމަތްތަކެއް ގޭގައި ތިބެގެން ހޯދޭނެ އޮންލައިން ޕޯޓަލެއް ކަމަށްވާ "މައިކެއާ" މިއަދު ތައާރަފުކޮށްފި އެވެ.
ހޮސްޕިޓަލްގެ ރަސްމީ ވެބްސައިޓް، www.adkhospital.com، މެދުވެރިކޮށް ބޭނުންކުރެވޭ މި ޕޯޓަލްއާއެކު، ފޯނުކޮށްގެން ކިއޫގައި މަޑުކޮށްގެން ނުވަތަ ހޮސްޕިޓަލަށް ގޮސްގެން ކުރަންޖެހޭ އާންމު ގިނަ ކަންކަން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޕޯޓަލް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިތުރުން، ކުރިއަށް ހުރި އެޕޮއިންޓްމަންޓްތަކުގެ ތަފްސީލު ބަލައިލެވޭނެ އެވެ. ހަމައެއާއެކު، ބަލިމީހާގެ މެޑިކަލް ހިސްޓްރީ، ދޫކޮށްފައިވާ ބޭސްސިޓީތައް (ފޯނަށް ޑައުންލޯޑްވެސް ކުރެވޭ ގޮތަށް)، ލެބޯޓްރީ ޓެސްޓުތަކުގެ ނަތީޖާ، ރޭޑިއޮލޮޖީ ރިޕޯޓުތައް އަދި ހޮސްޕިޓަލްގެ ބިލްތަކާއި އިންވޮއިސްތައް، ބޭނުންވި ކޮންމެ ވަގުތެއްގައިވެސް ބަލައިލެވޭނެ ކަމަށް އޭޑީކޭން ބުނެ އެވެ.
ޕޯޓަލްއަށް ވަދެވޭނީ، އޭޑީކޭން ކުރިން ހިދުމަތް ހޯދާފައިވާ ބަލިމީހުންނަށެވެ. ޕޯޓަލްއަށް ލޮގިންވުމަށް ދެ ގޮތެއް ވަނީ ހަމަޖައްސާފަ އެވެ. އެއީ އީފާސް މެދުވެރިކޮށް ނުވަތަ ހޮސްޕިޓަލްގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރަށް ފޮނުވާ އޯޓީޕީ ބޭނުންކޮށްގެންނެވެ.
އޭޑީކޭން ސިފަކުރާ ގޮތުގައި މިއީ، ބަލިމީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ސިއްހީ ހިދުމަތް ހޯދުމުގައި ހުރި ދަތިތައް ފިލުވާލުމަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ތެރެއިން އެ ހޮސްޕިޓަލުން ކުރަމުންދާ އިންވެސްޓްމަންޓުގެ މުހިންމު ފިޔަވަޅެކެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، ހޮސްޕިޓަލްގެ ހޮޓްލައިން 1440 އިން ނުވަތަ 7671440 ވަޓްސްއެޕް ނަންބަރުން ސާފުކުރެވޭނެ އެވެ.
ކޮމެންޓު ފޮނުވާ