އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ އެވަޓަން އިން 1-0 އިން ޗެލްސީ ބަލިކޮށް، ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު ދަމަހައްޓައިފިއެވެ.
އެވަޓަން އިން ލީޑު ނެގީ ދެވަނަ ހާފުގެ ދެވަނަ މިނިޓުގައި ރިޗާލިސަން ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަށް ހެދުނު ގޯހަކުން ރިޗާލިސަން ހޯދައި، ޑާމިއަން ގްރޭ ގެ އެހީތެރިކަމާ އެކުއެވެ. ލީޑުނެގުމަށް ފަހު އެވަޓަން އިން އެ ހިފަހައްޓަން ރަނގަޅު މަސައްކަތެއް ކުރިއެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެ ޓީމުގެ ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑްއެވެ.
ޗެލްސީ އަށް އެއްވަރުކޮށްދޭން މޭސަން މައުންޓް ޖެހި ބޯޅައެއް ދެ ދަނޑީގައި ޖެހިފައި ލިބުނީ އަޒްޕިލިކުއޭޓާ އަށެވެ. އޭނާ ޖެހި ބޯޅަ ގޯލު ރޮނގުކައިރިން މަތަކުރީ ކީޕަރު ޕިކްފޯޑްއެވެ. އޭގެ ފަހުން ކުޑަ އޭރިއާތެރެެއިން ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ ޖެހި ބޯޅައެއް ވެސް ކީޕަރު ޕިކްފޯޑް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ. އަދި އޭރިއާ ބޭރުން ރުބެން ލޮފްޓަސް-ޗީކް ޖެހި ޝޮޓާއި އޭރިއާތެެރެއިން މަޓެއޯ ކޮވަސިޗް ފޮނުވާލި ހަމަލާގެ ހުރަހަކަަށް ވީ ވެސް ޕިކްފޯޑްއެވެ.
އެވަޓަން އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ގްރޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި އެންތަނީ ގޯޑަން އޭރިއާތެރެއިން ބޯޅަ ހިފައިގެން ވަދެ، ޖެހި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ.
މި ނަތީޖާއާ އެކު 18 ވަނައިގައި އޮތް އެވަޓަން އަށް ވަނީ ކުޅުނު 33 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. އަދި އަދި އެންމެ ފަހުން އެވަޓަން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމުން ވަނީ ތިން މެޗު ކާމިޔާބު ކޮށް، އެއް މެޗު އެއްވަރު ކޮށްފަ އެވެ. އެވަޓަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި 16 ވަނައިގައި އޮތް ބާންލީ އަށް ވެސް ލިބިފައި ވަނީ 34 ޕޮއިންޓެވެ. ޗެލްސީ ތިންވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ