ޖުމުހޫރީ ޕާޓީގެ ކައުންސިލް ވަޓްސްއަޕް ގުރޫޕުގައި، ކުރީގެ ސީޕީ އަބުދުﷲ ނަވާޒްއާއި، ކައުންސިލް މެމްބަރަކު ދިމާކުރުމުން، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވަރަށް ބޮޑަށް ކޯފާ ވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ އެންމެ ދުވަސްވީ އެއް މެމްބަރެއްގެ ގޮތުގައި ހުންނެވި، އަދި އެޕާޓީގެ ކައުންސިލްގައިވެސް ދިގު މުއްދަތެއްވަންދެއް މަސައްކަތް ކުރައްވަމުން ގެންދަވާ ޕެރިސް ނިޙާދު، ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއް ކަމުގައިވާ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ނަވާޒަށް ފާޑު ވިދާޅުވެ، އެ ޕާޓީގެ ވަޓްސްއަޕް ގުރޫޕުގައި މެސެޖް ކުރައްވަމުން ވިދާޅުވެފައިވަނީ، ސިޔާދު ގާސިމް ދޫނިދޫ ކުޑަ ގޮޅީގައި އޮންނަވަނިކޮށް ބޯ ފެންފޮދަކަށް އެދުމުން ފެން ނުދިން ސީޕީއަކު އިންނެވިޔަސް، އެންމެ ކުރިއްސުރެވެސް ޖޭޕީގަ ތިބި މީހުން ހައްގުބަސް ބުނާނެ ކަމުގައެވެ.

ޕެރިސް ނިހާދު، ކުރީގެ ސީޕީ އަބުދުﷲ ނަވާޒަށް ފާޑު ކިޔުއްވުމުން، ހިތްޕުޅު ހަމަޖެހިވަޑައި ނުގެން، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވަޓްސްއަޕް ގުރޫޕުގައި ވިދާޅުވެފައިވަނީ، ނިހާދު އަކީ ކޮންމެވެސް ފަރާތަކުން އުޖޫރަ ނަގައިގެން ޖޭޕީގެ ދުވަސް ދުއްވާލާ އަގުވައްޓާލަން އުޅޭ މީހެއްކަން ވަރަށް ރަގަޅަށް ސާފު ވެއްޖެ ކަމުގައެވެ. އަދި ޕެރިސް ނިހާދަކީ، ގާސިމްއާއި، ގާސިމްގެ އާއިލާގެ އިތުރުން، ވިލާ ގުރޫޕާއިވެސް ޒާތީގޮތުން ދިމާކޮށް ހެދުމަށް ހަމަޖައްސާފައި ހުރި މީހެއްކަންވެސް މިހާރު ގަބޫލު ކުރެވޭކަމަށްވެސް، ޖުމުހޫރީ ޕާޓީގެ ކައުންސިލް ވަޓްސްއަޕް ގުރޫޕުގައި ގާސިމް ކުރައްވާފައިވާ މެސެޖުގައި ލިޔުއްވާފައި ވެއެވެ.

ނިހާދަށް ރައްދު ދެއްވަމުން ޖުމުހޫރީ ޕާޓީގެ ވަޓްސްއަޕް ގުރޫޕުގައި ކުރީގެ ސީޕީ ނަވާޒް ވިދާޅުފައިވަނީ ޕެރިސް ނިހާދު ފެށުނީއްސުރެ ޖޭޕީގައި އުޅުމަކީ އެހެން މީހުންގެ އަބުރު ކަތިލާން ޖެހޭ ސަބަބެއް ނޫން ކަމުގައެވެ. އަދި ނަވާޒު ވިދާޅުވެފައިވަނީ، ނިހާދު ހަމަބިމަށް ތިރިވަންދެއް ނިހާދުއާއި ދިމާކުރައްވަމުން ގެންދަވާނޭ ކަމުގައެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި، ގާސިމް އިބުރާހިމްގެ އިތުރުން، ދަރިކަލުން ސިޔާދު ގާސިމްއާއި އޭރުގެ އިދިކޮޅު އެތައް ބަޔަކު ޖަލަށްލާ، އެތައް ފަނޑިޔާރުންނަކާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބި، އަދި އޭރުގެ ސަރުކާރުން ގާނުނާއި ޚިލާފަށް ހިންގި ގިނަ އަމަލްތަކެއް ފުލުހުންގެ ފަރާތުން ހިގައިދިޔައިރުވެސް، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމްގައި ހުންނެވީ ނަވާޒުއެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ ވެރިކަން ނިމި، މަގާމުން ވަކިވުމަށްފަހު އޭނާ ވަންނަވާފައިވަނީ ޖުމުހޫރީ ޕާޓީއަށެވެ. މިހާރު ނަވާޒަކީ ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
ކޮމެންޓު ފޮނުވާ