ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އައްޔަންކުރުން ހުއްޓުވި ޢަމުރު ހައިކޯޓުން ބަލައި ނުގަތުމަށް ނިންމީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމުން ވަކިކުރި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް އެ އޮފިހާއި ދެކޮޅަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައެޅިއެވެ. އެއާއެކު އެ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ޓްރައިބިއުނަލުން އޮތީ ޢަމުރެއް ނެރެފައެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އެ ޢަމުރު ޕެންޗަން އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވިއެވެ. އަދި އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންވެސް އެ ނިންމުން ދެމެހެއްޓިއެވެ.
ހައިކޯޓުގެ އެ ނިންމުން ޕެންޝަން އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ނިންމީ ހައި ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ގޯސްވާ ސަބަބެއް ޕެންޝަން އޮފީހަށް ނުދެއްކޭކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރަށް ވަޒީފާ ހަމެޖެއްސީ 2020ގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަގާމުގައި އަހަރެއް ނުފުރެނީސް އޭނާ މަގާމުން ވަކިކުރަން، ޕެންޝަން އޮފީހުގެ ބޯޑުން ނިންމިއެވެ. އޭނާ ވަކިކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކުރި އެ ތުހުމަތު ޕެންޝަން އޮފީހުން ވަނީ ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ