ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް ނިންމާލައިފިއެވެ. ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ އެމްޓީސީސީން ބުނީ އެ މަޝްރޫޢު ނިމުމަކާއި ގާތްވެފައިވާކަމަށާއި، އެ މަޝްރޫޢުގެ ދަށުން ޕަމްޕް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިއްޖެ. އަދި ޕަމްޕް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/IXKAdoUIjk
— MTCC Plc (@MTCCPlc) April 28, 2022
2013 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ މަސައްކަތް 2019 ވަނަ އަހަރު މިމަސައްކަތް އެމްޓީސީސީއާ ހަވާލުވުމުގެ ކުރިން، މި މަސައްކަތް އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވެއެވެ.
ހދ.ހަނިމާދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން، ކޮންމެ ދުވަހަކުވެސް އެންމެ ގިނަބަޔަކު އަރާ ފައިބާ އެއްރަށެވެ. އެއަރޕޯޓް އޮތުމާއި، އެކިއެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް ރަށަށް ގިނަ ބަޔަކު އަރައެވެ.
ރަށުގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުގެ މަގުތަކެވެ. މަގުތައް އަޑިގުޑަންވުމާއި، ހިރަފުސްވުމާއި އަދި ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ރަށަށް ވަރަށް ބޮޑެވެ. ހަނިމާދޫ މަގުތަކުގެ މައްސަލަ ޙައްލުކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ މީގެ 8 އަހަރު ކުރިން 2013 ވަނަ އަހަރުއެވެ. އޭގެފަހުން މި މަސައްކަތް 3 ކުންފުންޏަކާ ހަވާލުކޮށްގެންވެސް މި މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.
ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް މިކަން ވެފައިވަނިކޮށް، އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށް އަލުން މަސައްކަތް ފެށީ 2019 ވަނަ އަަހަރުގެ ޖޫންމަހުއެވެ. އެމްޓީސީސިން މިމަސައްކަތާއި ހަވާލުވިއިރު ނިމިފައިވަނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.
ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ. އަދި މިހާރު މިވަނީ މަގުތަކުގެ ތާރުގެ މަސައްކަތްތައް ނިންމާފައެވެ.
މި މަޝްރޫޢުގައި ހަނިމާދޫގެ 20 މަގެއް ވަނީ ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގައި ވެހިކަލްތައް ދުއްވުމަށް ޚާއްސަކޮށްގެން 44000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅާ، ހިނގާ މީހުންނަށް 16518 އަކަ މީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ. އަދި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ވަނީ ހަދާފައެވެ. އަދި މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ހަރުކުރުންވެސް ހިމެނެއެވެ. މި މަޝްރޫޢުަކީ 71 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓު ފޮނުވާ