މާލެއާއި އަތޮޅުތަކުން ޑެންގީގެ ކޭސްތައް މިދުވަސްވަރު ރިޕޯޓް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ކުރިއަށް އޮތީ ޗުއްޓީ ބަންދު ދުވަސްތަކަކަށް ވާތީ ރާއްޖޭގެ އެކިހިސާބުތަކަށް މީހުން ދަތުރުކޮށް އުޅޭ މިންވަރު އިތުރު ވާނެ ކަމަށެވެ. އަދި މިއީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މަދިރީގެ ޒަރިއްޔާއިން ފަސޭހައިން ޖެހޭ ބަލިތައް އިތުރުވުމުގެ ފުރުޞަތު ބޮޑު ދުވަސްވަރެކެވެ. އެހެންކަމުން ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށްވަނީ އަންގާފައެވެ.
ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް:
- މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓް ބޭނުން ކުރުން.
- ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ މަދިރިއެއް. އަދި މިއީ ގެއާއި ގޯތިތެރޭގައި ގިނައިން އުޅޭ މަދިރިއަކަށް ވުމުން ޚާއްސަކޮށް ފަތިސް ގަޑީގައާއި އިރު އޮއްސޭ ވަގުތު މަދިރި ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެގަޑިތަކުގައި ލައްޕާފައި ބެހެއްޓުން
- ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން. ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށި ޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުން ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީ ފަދަތަކެތި ސާފުކުރުން. ޢާއްމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން.
މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވެމުންދާ އަދަދު އިތުރުވަމުންދާތީ މިކަމަށް ސަމާލުވުމަށް އެދެން @MoHmv pic.twitter.com/4s56pAqG6s
— Health Protection Agency (@HPA_MV) April 27, 2022
ކުޑަކުދިންނާއި މާބަނޑުމީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީ ޖެހުމުން އިތުރު ނުރައްކާތައް ކުރިމަތިވުން ކަށީގެންވާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. މަދުން ނަމަވެސް މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާފަހަރު ކުރިމަތިވެއެވެ. އެހެންކަމުން މި ފަރާތްތަކުން އިތުރަށް ސަމާލްވުމަށްވަނީ އިލްތިމާސްކޮށްފައެވެ.
ބައްޔާމެދު ސަމާލްކަން ދޭންވީ ކަންކަމުގެ ތެރޭގައި 03 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައްކަމަށްވާ ކުޑަކަމު ދެވޭ މިންވަރު މަދުވުން، އާދަޔާ ޚިލާފަށް ވަރުދެރަވުން، ބަނޑުގައި ރިއްސުންފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ދެއްކުން ވަރަށް މުހިންމެވެ.
ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފަދަ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ބަލިތަކުން
ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.