ފެލިވަރު ބަނދަރާ ބިންހިއްކާ މަޝްރޫޢުގެ ރިވެޓްމަންޓް މަސައްކަތް ފަށައިފި

ފެލިވަރު ބަނދަރާ ބިންހިއްކާ މަޝްރޫޢުގެ ރިވެޓްމަންޓް މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2022 03:10
0

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނިން ބުނީ އެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 23ގައިކަމަށެވެ.

އީ ފެލިވަރު ތަރައްޤީކުރެވުނީއްސުރެ، ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުއެވެ. އެކި ނަންނަމުގައި ފެލިވަރާއެކު މިފްކޯގެ ޚިދުމަތް ފެށީ މީގެ 44އަހަރު ކުރިންނެވެ.  ފެލިވަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައެވެ.

މި ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ ފެލިވަރުގެ ފްރީޒިންގް ކެޕޭސިޓީ އިތުރުކޮށް، މަސްގަނެ ޕްރޮސެސްކުރާ މިންވަރު އިތުރުކުރުމެވެ. އަދި ފެލިވަރުގެ ބަނދަރަކީ ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ފަސޭހަކަމާއެކު ކައިރިކޮށް ޚިދުމަތް ދެވޭ ފެންވަރުގެ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރުމެވެ. ފެލިވަރު ހިއްކާ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ.

ފެލިވަރު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފަށާފައި މިވަނީ، ކޫއްޑޫއާއި އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސްގެ ތަޖުރިބާއަށް ބަލާ، ޚިދުމަތް ދިނުމަށް އެންމެ ލުއިސޭހަވާނެ ގޮތްތައް ބަލައިގެންކަމަށް މިފްކޯއިން ބުނެފައިވެއެވެ. ފެލިވަރު އިތުރަށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އެރަށުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނުވަތަ ފިނި ކޮށާރަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، ފިޝްމީލް ޕްލާންޓަކާއި އެހެނިހެން ވަޞީލަތްތައްވެސް ފެލިވަރުގައި ޤާއިމުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.