ގާތް މީހަކަށް އިންތި ވަޒީފާ ހޯދުމަށް އެދި ފޮނުވި މެސެޖްތަކެއް ލީކުކޮށްލައިފި

ގާތް މީހަކަށް އިންތި ވަޒީފާ ހޯދުމަށް އެދި ފޮނުވި މެސެޖްތަކެއް ލީކުކޮށްލައިފި

އެއްވެސް މީހަކަށް ވަޒީފާހޯދަން މަސައްކަތްކޮށް، ނުފޫޒާއި ބާރުން ކަންކަން ނުކުރައްވާނެކަމަށް އިންތި ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް މީހަކަށް ވަޒީފާ ހަމަޖައްސަން އިންތި ކުރި މަސައްކަތް ހާމަވާ ޗެޓްލޮގެއް ލީކުވެއްޖެއެވެ.

މިފަދަ މެސެޖްތަކެއް އާންމުވެފައި މިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުގެ ވެރީންގެ އަރިހުގައި އެދިގެން އެއްވެސް މީހަކަށް ވަޒީފާއެއް ހޯދާދޭން އޭނާ މަސައްކަތް ކޮށްފައިނުވާނެ ކަމަށް އިމްތިޔާޒް ވިދާޅުވެފައި ވަނިކޮށެވެ.

ކޮރަޕްޝަނާއި، ނުފޫޒު ފޯރުވުމާއި ދެކޮޅަށް އެންމެ ގިނައިން ވާހަކަދައްކާ އެއްބޭފުޅާ ކަމަށްވާ އިންތިގެ މިފަދަ މެސެޖްތަކެއް ލީކް ވުމުން އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް މެސެޖްތަކާއި ގުޅޭ ގޮތުން އަދި މިހާތަނަށް އިންތި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އިމްތިޔާޒް މެސެޖް ކުރައްވާފައިވަނީ މިހާރު އެޗްޑީސީގެ ދަށުގައި އޮތް ކުރީގެ ގްރޭޓާ މާލެ ކުންފުނީގެ ޗެއާމާން ޝާތިރު އަށެވެ.

މެސެޖްތަކުން އެނގޭ ގޮތުގައި އިންތި ބޭނުންފުޅުވީ އައިމިނަތު ތޮއިބާ ހަސަން ކިޔާ މީހަކަށް ވަޒީފާއެއް ހަމަޖައްސާށެވެ. އައިމިނަތު ތޮއިބާ ހަސަން އަކީ އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަދްހަމްގެ އެއްބަނޑު އެއްބަފާ މީހެއް ކަމަށާއި އޭނާ އޭރު ވަޒީފާ އަދާކުރަމުން ދިޔައީ އުރީދޫގައި ކަމަށް އިންތިގެ މެސެޖްގައި ވެއެވެ.

އަދި އެ އަންހެން މީހާ އޭރު އަދާކުރަމުން ދިޔަ ވަޒީފާގެ ތަފްސީލް ކޮށްފައިވެއެވެ. އޭގެ ފަހުން އޮގަސްޓް 7، 2021 ގައި ވަޒީފާގެ ކަންކަން ހަމަނުޖެހި ފަސްވަމުންދާތީވެސް މެސެޖެއް ކުރައްވާފައިވެއެވެ. އެ މެސެޖްގައި ވަޒީފާގެ ކަންކަން ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި އިންޓަވިއުއަށް ފަހު ހަބަރެއް ނުވާތީ އަންގާލެއްވީ ކަމަށް ވިދާޅުވެފައިވެއެވެ. ފަހުން އޮގަސްޓް 15 ގައި އެ ވަޒީފާ ހަމަޖެހުމުން ޝާތިރަށް ޝުކުރު އަދާކުރައްވާ އިމްތިޔާޒް ވަނީ މެސެޖެއް ކުރައްވާފައެވެ.

މިދިޔަ މަހު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިންތި ވަނީ އޭނާގެ ދާއިރާގެ މީހުންނަށް ވަޒީފާ ދޭން އެދުމުން ވަޒީފާ ހަމަނުޖެހޭ ކަމަށް ވިދާޅުވެ އެކަމުގެ ޝަކުވާ ވެސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *