ސަރުކާރަށް ތައްޔިތުންގެ އިތުބާރު ލިބޭނީ ވެފައިވާ ވައުދުތަކާއި އެއްގޮތަށް ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ބެލިގެން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ސަރުކާރާއި އަދި ރައީސް ޞާލިހަށް އަމާޒުކޮށް، އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕްތަކުގައި އެކި ވާހަތައް ދައްކަވަމުން ގެންދިއުމަށްފަހު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުންނާއި ޚުދު އެމަނިކުފާނުވެސް އެދެނީ ވަރަށް އާދައިގެ ކަމަކަށް ކަމުގައެވެ.
އެމްޑީޕީން އެދެނީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުންކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުކޮށް، ހަމަހަމަ ކަމާއިއެކު އެންމެނާއިމެދުވެސް އަމަލު ކުރުންކަމަށެވެ. ސަރުކާރުން ވެރިކަމަށް އައިއިރު ވެފައިވާ ވައުދާއި އެއްގޮތަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައާއި، ވެންޓިލޭޓަރުގެ ކޮރަޕްޝަން ބެލުމަކީ އެމްޑީޕީވެސް އެދެމުންދާ ކަންތައް ކަމަށެވެ. މިކަންކަން ނުބެލޭހާ ހިނދަކު އިތުބާރު ނުލިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއާއި އަދި އަޅުގަނޑުވެސް އަބަދުވެސް ބޭނުންވަނީ ވަރަށް އާދައިގެ ކަމެއް. އެއްވެސް ސަރުކާރަކުން ޚިޔާނާތްތެރި ނުވުން. އެކަކާއި އަނެކަކާއި ތަފާތު ނުކުރުން. އަނިޔާވެރިނުވުން. އެމްއެމްޕީއާރުސީ މައްސަލައާއި ވެންޓިލޭޓަރު މައްސަލަ ބެލުން. އެއީ އިތުބާރު ލިބޭނެ ކަންކަން.
– ނަޝީދު ވިދާޅުވިއެވެ.
MDP aai adhi alhuganduves abadhuves beynunvanee varah aidhaige kameh. Evves sarukaarakun khiyaanaitheri nuvun. Ekakaai anekakaa thafaathu nukurun. Aniyaaveri nuvun. MMPRC massala aai ventilator massala belun eyee ithubaaru libeyne kankan
— Mohamed Nasheed (@MohamedNasheed) April 25, 2022
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ވެސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވެފައެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވެވިއެވެ. އަދި މިއަހަރަކީ ދައުލަތުން ދަރަނީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަންޖެހޭ އަހަރު ކަމަށްވީ ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭ ކަމަށެވެ.