ދަރަވަންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރަށް ކުރިއަށް

ދަރަވަންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2022 02:02
0

އެމް.ޑަބްލިޔު.އެސް.ސީއިން ކުރިއަށް ގެންދާ ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގައި އެކުންފުނިން ބުނެފިއެވެ.

މިގޮތުން، ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވަނީ ދަރަވަންދޫއަށް ގެންދެވިފައެވެ. އަދި މިހާރު ކުރިޔަށްދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 780 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 40.29 މިލިއަން ދިވެހި ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.