އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުޅުވައިފި

އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2022 03:04
0

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުޅުވައިފިއެވެ.

ރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިކެމްޕޭން ޖަގަހަ ހުޅުވައިދެއްވީ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ. ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުންނާނީ ޝެއިޚް ޢަބްދުއްރަޙްމާން މަގުގައި މަސްޖިދުލް ބިއްރިއާ އިންވެގެންނެވެ.

އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޝީޒާއަކީ އިޖުތިމާއީ ކަންކަމުގައި ތަފާތު ގިނަ އެންޖީއޯތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ފިޓްނަސް އިންސްޓްރަކްޓަރެއްގެ އިތުރުން ކޭކް އެޅުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ދުޅަހެޔޮކަމާއި އަމާން އެކުވެރި ވެއްޓެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ އެންޖީއޯއެއް ކަމަށްވާ "ވިލަވްސް" ޖަމުޢިއްޔާގައި ޝީޒާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ޝީޒާވަނީ މެލޭޝިޔާއިން މަތީ ތަޢުލީމް ހާސިލްކުރައްވާ، ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި 16 އަހަރު މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރިއެއް ކަންވެސް ފާހަގަކޮށްލެވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާ އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު އުޝާމް ވިދާޅުވީ މިޖަގަހައަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ތަނެއް ކަމަށާއި މިޖަގަހައަކީ ޕާޓީގެ ނާއިބު ރައީސް އުޝާމް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި އިރު ޖަގަހައެއްގެ ގޮތުގައި ބޭނުންކުރެއްވި ޖަގަހަ ކަމަށެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާގެ ނަންބަރު، ނަންބަރު 2 އަކީ ހަމަ އެއިންތިޚާބުގައި ނާއިބު ރައީސް އުޝާމްގެ ވެސް ނަންބަރު ކަމަށެވެ. ނާއިބު ރައީސް އުޝާމް އިތުރަށް ވިދާޅުވީ ޝީޒާއަކީ އިޖުތިމާޢީ ގޮތުން ވިލިމާލޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބޭފުޅެއް ކަމަށާއި، "ވިލަވްސް" ޖަމުޢިއްޔާގެ ތެރެެއިން ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވޭ ކަމަށެވެ.

ރޭ ހުޅުވުނު ޖަގަހައާއެކު އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ކެމްޕޭންގެ މަސައްކަތް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.