މާލޭގެ ބައެއް ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ކޯޓު ޢަމުރެއްގެ ދަށުން ފުލުހުން ނަގައިފިއެވެ. ފުލުހުން ވަނީ މާލޭގެ ތިން ގެއެއްގައި ދަމާފައިވާ އިންޑިއާ އައުޓް ލިޔެފައިވާ ބެނާނަގާފައެވެ. އެ ބެނާތައް މިއަދު ނެގުމުގެ ކުރިން ފުލުހުން ރޭ ވަނީ އެ ގެތަކުގެ ވެރިންނަށް ބެނާތައް ނަގާނެކަން ރޭ ލިޔުމުން އަންގާފައެވެ.
އިންޑިއާ އައުޓް ލިޔެފައިވާ ބެނާ ނެގި ގެތަކުގެތެރޭޣައި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅު ހ.ދޫވަހީގައި ދަމާފައިހުރި 50އަކަށް ފޫޓްގެ ބެނޭވެސް ފުލުހުން މިއަދު ވަނީ ނަގާފައެވެ.
ފުލުހުން ވިދާޅުވީ "އިންޑިއާ އައުޓް" ލިޔެ ބެނާ ދަމާފައި ހުރުމަކީ، ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވާކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެކަމެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭކަމަށް ފުލުހުން ވިދާޅުވެއެވެ.

"އިންޑިއާ އައުޓް" ބެނާތައް ނެގުމަށް ފުލުހުން ނަގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހި ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކަކަށް ރިއާޔަތްކޮށެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމުގައި ބެލެވޭތީކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އިންޑިއާ އައުޓް ލިޔެފައިވާ ބެނާތައް ކޯޓު ޢަމުރެއްގެ ދަށުން ފުލުހުން ނަގާފައިމިވަނީ، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފިޒްކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އިދާރާތަކަށް އަންގާފައިވެސް ވަނިކޮށެވެ.
ކޮމެންޓު ފޮނުވާ