އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިކޮށް, އާސެނަލްއިން ހަތަރު ވަނާގައި އޮތް ޓޮޓެންހަމްއާ އަރާ ހަމަކޮށްފިއެވެ.
ޗެލްސީ ދަނޑަށް ރޭ އާސެނަލް ނުކުތްއިރު ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވަނީ ބަލިވެފައެވެ. ޖެހިޖެހިގެން ލީގުގެ ހަތަރު މެޗުން ބަލިނުވުމުގެ އަޒުމުގައި ނުކުމެ، މިރޭ އާސެނަލުން ވަނީ އަމިއްލަ އަތުން މެޗުގެ ލީޑުނުގެއްލި، ރަނގަޅަށް މަސައްކަތް ކޮށްގެން ޗެލްސީ ބަލިކޮށްފައެވެ.
ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދީ 3-2 ނެވެ. 13 ވަނަ މިނިޓްގައި އާސެނަލްއަށް ކުރިހޯދައިދިނީ އެޑީއެވެ. އެކަމަކު 17 ވަނަ މިނިޓްގައި ވާނާ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އާސެނަލްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ 27 ވަނަ މިނިޓްގައި ސްމިތް ރޯއެވެ. އެލީޑްގައި އޮވެވުނީ އެންމެ ހަތަރު މިނިޓެވެ. އަޒުޕިލްކުއެޓާ ލަނޑު ޖަހާ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގައި ތިންވަނަ ފަހަރަށް އާސެނަލްއަށް ކުރި ހޯދައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި އެޑީއެވެ. އަދި ފަހު ލަނޑާއެކު މޮޅު ޔަޤީންކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސަކާއެވެ. އޭނާ ލަނޑުޖެހީ ޕެނަލްޓީއަކުންނެވެ. މިމޮޅާއެކު ޗެމްޕިއަންސް ލީގުގެ އުއްމީދު އާސެނަލްއަށް ވަނީ އަނެއްކާވެސް އާވެފައެވެ.
އާސެނަލްއާއި ޓޮޓެންހަމްއަށްވެސް 32 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. އެކަމަކު ފައިދާ ގޯލުން ކުރި ހޯދައިގެން މިވަގުތު ހަތަރުވަނާގައި އޮތީ ޓޮޓެންހަމްއެވެ. އާސެނަލް އޮތީ ފަސްވަނާގައެވެ. ޗެލްސީ ތިންވަނާގައި އޮތީ 31 މެޗުން 62 ޕޮއިންޓާއެކުއެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެވަޓަން އާއި ލެސްޓާ ސިޓީ ވަނީ 1-1 އިން އެއްވަރުވެފައެވެ. ހާވީ ބާންސް ލެސްޓާ އަށް ލީޑުނަގައިދިން ނަމަވެސް ދެ ވަނަ ހާފުގައި ޑެލެ އަލީ ވަނީ އެވަޓަން އަށް އެއްވަރުކޮށްދީފައެވެ. ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ނިއުކާސަލް ޔުނައިޓެޑް ވަނީ މިރޭ އަމިއްލަ ދަނޑުގައި މިގޭލް އަލްމިރޯން ޖެހި ހަމައެކަނި ގޯލުން 1-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފައެވެ.
ކޮމެންޓު ފޮނުވާ