ޑިމޮކްރަޓިކް އުސޫލުން ކެމްޕޭން ކުރަން ދަންނަ އެއްވެސް ޕާޓީއެއް ނެތް! އޮތީ އެއް ސަގާފަތެއް!

ޑިމޮކްރަޓިކް އުސޫލުން ކެމްޕޭން ކުރަން ދަންނަ އެއްވެސް ޕާޓީއެއް ނެތް! އޮތީ އެއް ސަގާފަތެއް!

Author
ހުސެއިން
19 އޭޕްރިލް 2022 08:47
0

ހަގީގީ ސިޔާސީ ވާދަވެރިކަމަކީ، ސިޔާސަތުތަކަށް ފާޑު ކިއުމެވެ. އަދި ޑިމޮކްރަސީގެ އެންމެ ރިވެތި ސިފައަކީވެސް، އަދި ޑިމޮކްރަޓިކް ނިޒާމެއްގެ ހަގީގީ ކާމިޔާބީއަކީވެސް، ވާދަވެރި ފަރާތްތަކުން ސިޔާސަތުތަކަށް ފާޑު ކިޔައިގެން އެންމެ ރަގަޅުގޮތް ރައްޔިތުންނާއި ހަމައަށް ފޯރު ކޮށްދިނުމެވެ.

އެހެންނަމަވެސް، ވަރަށްގިނަ ހާލަތްތަކުގައި، ސިޔާސީ ގޮތުން އުފެދޭ ވާދަވެރިކަން ޒާތީ ހަސަދައާއި، ދިމާކުރުންތަކަށް ބަދަލުވެ، އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ދޮގު ބަދުނާމުތައް އަޅުވާ، ބޮޑެތި ހަމަނުޖެހުންތަކަށްވެސް މިގޮތުން އުފެދޭ ދެކޮޅުވެރިކަން ބަދަލުވެގެން ގޮސްފައި އެބަހުއްޓެވެ.

މިގޮތުން ސިޔާސީ ވާދަވެރިކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމެއްގައިވެސް، ޒާތީވުމާއި ދިމާކުރުންތަކަށް މަގުފަހި ކޮށްދޭ ކަންކަމަށް ވީނަމަވެސް، ދިވެހިރާއްޖޭގައި ސިޔާސީ ވާދަވެރިކަން އޭރުވެސް މިހާރުވެސް އޮތީ ދުނިޔޭގެ ގިނަ ގަމުތަކަށްވުރެ ދަރަޖައެއް މަތީގައިކަމުގައި ދެންނެވިދާނެއެވެ.

އޭގެ ހަގީގަތްތައް މީގެ ކުރިން ގިނަ ފަހަރަށް ފެނިގެން ގޮސްފައިހުރީ ރާއްޖޭގައި ސިޔާސީގޮތުން ދެކޮޅުވެރި ޕާޓީތަކުގެ މެދުގައެވެ. އެހެންނަމަވެސް، މި ވެރިކަމުގައި، ސަރުކާރު ހިންގާ އެންމެބޮޑު ޕާޓީ، އެމްޑީޕީގެ އެތެރޭގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ވާދަވެރިކަމާއި ކޯޅުމުގެ ތެރެއިން މިމަންޒަރުތައް ބަދަލުވެ، އެޕާޓީގެ ދެފެކްޝަންގެ މެދުގައި އުފެދިގެން ގޮސްފައިވާ ކެޕްމޭން ވާދަވެރިކަން ޒާތީވެ، ދިމާކުރުންތައް މިހާރުވަނީ މުޅިން އެހެން ގިންތިއަކަށް ދަތުރު ކޮށްފައި ވާކަމުގައި މިވަނީ ގަބޫލުކުރަން ޖެހިފައެވެ.

ޗެއަރފާރސަން އިންތިޚާބުގެ ވާދަވެރިކަން ވަނީ ޒާތީ ދިމާކުރުންތަކަށް ބަދަލުވެގެން ގޮސްފައި

ސަބަބަކީ، އެއްބަޔަކު އަނެއްބަޔަކު ވަގުންނަށް ހަދާ، އެކަކު އަނެކެއްގެ ބޮލުގައި ބަގުރާ ބުއިމާއި ޒިނޭގެ ތުހުމަތު އަޅުވާ، އާންމު ފޯރަމްތަކުގައި "ހަޔާތަށް" ގޮވާ ހިސާބަށް ދެކޮޅުވެރިކަން ބޮޑުވެ، ޒާތީ ހަސަދަ ކުރިޔަށް ނެރުމުން، މިއީ މަދުން ނޫނީ ރާއްޖޭގެ ސިޔާސީގޮތުން އިދިކޮޅު ފަރާތްތަކުގެ ކިބައިންވެސް މީގެކުރިން ފެނިގެން ގޮސްފައި ނުވާ މިންގަޑެގަައި އޮތް ސިޔާސީ ވާދަވެރިކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.

 

އަބަދުވެސް ރިވެތިކޮށް ކެމްޕޭން ކުރާކަމަށް ބުނާ ޕާޓީގެ ކެމްޕޭން ވަރަށް ހަޑި!

އެމްޑީޕީން އަބަދުވެސް އެޕާޓީ ޕްރޮމޯޓޮ ކޮށްފައިވަނީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް، އެންމެ ރީތިކޮށް ބައްޓަން ކުރާ ޕާޓީކަމުގައެވެ. އެންމެ ޑިމޮކްރަޓިކް، ދުވަހަކު ވައްކަމެއްގައި ބައިވެރި ނުވާ، ސިޔާސީ ގޮތުންވެސް ބައިބައި ނުވާ، އަދި ކުރެވޭ ކެމްޕޭންތަކުގައި ޒާތީގޮތުންވެސް ދެކޮޅުވެރި ނުވާ ޕާޓީއެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، އެޕާޓީއަށް ވެރިކަންލިބި، ކޭކު ޕާޓީގެ ވެރިންނާއި މަޖިލިސް މެމްބަރުންގެ މެދުގައި ފަޅަން ލިބުމުން، އެ ޕާޓީއަށްވެސް ވަކި ތަފާތެއް ދެއްކިފައި ނުވާތަން މިއަދު މިއޮތީ ފާޅުކޮށް ފެންނާށެވެ.

ޕާޓީގެ އެންމެ އިސް ދެބޭފުޅުންގެ މެދުގައި ކަންކަމުގައި އުފެދުނު ޚިޔާލު ތަފާތުވުންތައް "ގޯނިން ބޭރުވެ" ހުޅު ފަޅައިގެން ގޮސް، އެންމެ ފަހުން ޕާޓީ ދެފެކްޝަނަކަށް ބެހިގެން ދިޔައީއެވެ. ދުވަހަކު ވައްކަމެއްގައި ބައިވެރި ނުވާކަމަށް ބުނާ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައިވެސް، އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވެފައި ތިބި ފަރާތްތައް ތިބިކަން އެންމެފަހުން ހާމަވެގެން ދިޔައީއެވެ. ވަޒީފާގެ ނުފޫޒާއި، ނުހައްގުން މުވަޒިފުން ވަޒީފާއިން ވަކިކުރުމުގެ އެތައް ތުހުމަތުތަކެއް، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި، ޕާޓީގެ އިސް އެތައް ބައެއްގެ ބޮލުގައި އެޅި، ސާބިތުވާ ވަރަށް ހެކިވެސް ފެންނާން ހުރީއެވެ.

އަދި ހަމައެއާއެކު، ފާއިތުވެދިޔަ ތަނުގައި އެމްޑީޕީން މެޑަލް ޖަހަމުން އައި އެއްކަމަށް ވެގެން ގޮސްފައިވަނީ، އިންތިޚާބުތައް ސުލްހަވެރިކަމާއެކީ ބާއްވާ، ރިވެތި ކެޕްމޭންތައް ކުރާ ޕާޓީއެއްގެ ގޮތުގައި ޕާޓީ ލޭބަލް ކުރަމުންނެވެ. އެހެންނަމަވެސް، ސަރުކާރުގެ ބާރާއި ނުފޫޒު ޕާޓީގެ އެތެރޭގައި އޮވެ، ޕާޓީގެ އެތެރޭގެ ވާދަވެރި އިންތިޚާބެއް ބޭއްވުމަށް ޕާޓީއަށް ލިބިގެންދިޔަ ހަމައެކަނި ފުރުސަތުގައި، މިހާރު ކުރިޔަށްދާ އެޕާޓީގެ ޗެއަރޕާރސަން އިންތިޚާބުން ސާފުވެގެން ގޮސްފައިވާ އެއް ހަގީގަތަކީ، އެމްޑީޕީއަކީވެސް ހަގީގަތުގައިވެސް ވަކި ތަފާތުތަކެއް އެޕާޓީގެ އެތެރޭގައި އޮތް ޕާޓީއަކަށް ވެގެން ގޮސްފައި ނުވާކަމެވެ. އަދި މިކަންކަމުގައި އެމްޑީޕީވަނީ އެއްދަރަޖަ މަތީގައި ކަންވެސް މިއަދު މިވަނީ ކަށަވަރުވެ ޔަގީން ވެފައެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ، މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވާދަވެރިކަމުގައި، ދެފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުގެ މެދުގައި އޮތް ކެމްޕޭން ވާދަވެރިކަން ޒާތީވެގެން ގޮސްފައިވާ މިންވަރުންނެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)އާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވަނީ އެކަކު އަނެކަކުގެ ބޮލުގައި ޒިނޭއާއި ބަނގުރާ ބޯކަމުގެ ތުހުމަތު އަޅުވާފަ

މިގޮތުން އެންމެ ފަހުން ލީކުވެފައިވާ، އެޕާޓީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި މެމްބަރުން ކޮށްފައިވާ ޒުވާބުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)އާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވަނީ، އެކަކު އަނެކަކަށް ވަަގަށް ގޮވާ، ޒިނޭއާއި ބަނގުރަލުގެ ތުހުމަތު އެކަކު އަނެކެއްގެ ބޮލުގައި އަޅުވާފައެވެ.

މިގޮތުން ކުރެވުނު ޒުވާބުގައި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް ނިސްބަތްކޮށް ޒިނޭ ކުރުމުގެ ތުހުމަތު ކުރުމާއިއެކު ރޮޒައިނާ އާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒް ވަނީ މެންބަރު ޝިޔާން ބަނގުރާ ބޯކަމުގެ ތުހުމަތު ކޮށްފައެވެ.

އަދި މިޒުވާބުގައި ރޮޒައިނާ ހިލޭ ފިރިހެނުން ކައިރިއަށް ދިޔަ ކަމަށް ޝިޔާން ތުހުމަތު ކުރެއްވުމުން ރޮޒައިނާ ވިދާޅުވެފައިވަނީ، ޝިޔާން ހުރީ މަސްތުވެގެން ކަމަށެވެ.

ކޮންމެއަކަސް އެމްޑީޕީގެ އެތެރޭގެ މިހާރު ކުރިޔަށްދާ ކެމްޕޭން ވާދަވެރިކަން މިބީދައިން އޮތްތަން ފެންނަމުންދަނީ ހަމައެކަނި އެޕާޓީގެ މަޖިލިސް މެމްބަރުގެ މެދުގައި އެކަނި ނޫންކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މިގޮތުން މި ވާދަވެރިކަމުގެ ތެރޭގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ކެނޑިޑޭޓުންނަށް ބަހުގެ ހަމަލާތައް ރައްދުކޮށް ޒާތީ ބަހުސްތައް ކުރައްވާފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

 

ހުރިހާ ޕާޓީއެއްގައިވެސް އޮތީ ހަމަ އެއް ސަގާފަތެއް!

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވާދަވެރިކަމަކީ، މިހާތަނަށް އެމްޑީޕީގެ އެތެރޭގައި އުފެދިގެންދިޔަ ސިޔާސީ އެންމެ ބޮޑު ވާދަވެރިކަން ކަމުގައި ދެންނެވިދާނެއެވެ. އަދި، މި ކެމްޕޭންގެ ނަތީޖާއެއްގެ ގޮތުން، ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުން އިތުރަށް ބޮޑުވެ، މިބައިބައިވުން މިވަނީ ޒާތީ ހަސަދައަށްވެސް ބަދަލުވެގެން ގޮސްފައެވެ.

މިގޮތުން ޕާޓީގެ އެތެރޭގައި އޮތް ސިޔާސީ ވާދަވެރިކަމުގައި، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތުން ފެށިގެން، ޒިނޭއާއި ބަނގުރަލާއި ރާބުއިމުގެ ތުހުމަތަށް ދަންދެން އަޅުވާ، ވާދަވެރިކަން ހައްދުން ނެއްޓިގެ ދިއުމުން، ވަކީން ޚާއްސަކޮށް މިހާރު ކުރެވެމުންދާ ކެމްޕޭނުން އެޕާޓީގެ އެތެރޭގެ ހާލަތު ވަރަށްވެސް ރަގަޅަސް ވަޒަން ކޮށްދީފި ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އެހެންކަމުން ސާފުކޮށް ފެންނާން އޮތް އެއް ހަގީގަތަކީ، ޑިމޮކްރަޓިކް އުސޫލުތަކާއި ސިޔާސަތުތަކުން ވަކި ޕާޓީއަކަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މެޑެލް ޖެހެން ނެތްކަމެވެ. އޮތީ އެއް ސަގާފަތެއް ކަމެވެ. ސުލްހަވެރި ކެމްޕޭނެއް ކުރަން ދަންނަ އެއްވެސް ޕާޓީއެއް އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވުޖޫދުވެފައި ނެތްތަކެވެ. ކޭކު ފަޅަން ލިބުމުން އެންމެވެސް ހިފައިގަންނަނީ ހަމަ އެއްބީދައަކުން ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.