އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ވެލެންސިއާ ލަދުގަންނަވާލާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް މާޒިޔާއިން ވަނީ ހަތް ލަނޑު ވެލެންސިއާ ކޮޅަށް ޖަހައިފައެވެ. އަދި މި ހާފުގައި މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ހެޓްރިކް ހަދައިފައެވެ.
މެޗުގައި މާޒިޔާއިން ލީޑުނެގީ 11 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ލަނޑުންނެވެ. މިއީ ވެލެންސިއާ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ އެއް މިނެޓު ފަހުން ހަމްޕު ވަނީ ލަނޑު ޖަހާ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓުގައި ހަމްޕު ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އަތުގައި ޖެހިފައި، އެޓީމުގެ ސަމްދޫހް މުޙައްމަދު ގައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި ހަމްޕު ވަނީ އިތުރު ލަނޑެއް ޖަހާ މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ހަމްޕު ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މާޒިޔާއިން ހަވަނަ ލަނޑު ޖެހީ މެޗުގެ 39 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް އައިސަމްއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަމްޕު ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ފުލުފުލުގައި ވެލެންސިއާގެ ގޯލަށް ނުރައްކާކުރިއިރު، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މާޒިޔާއިން ވަނީ އަށްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ކޯނޭއެވެ. މާޒިޔާއިން ޖެހި ނުވަވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިން މިޑްފިލްޑަރު ޓަނާ ޑޮމިންގޭޒްއެވެ. އަދި އޭގެ ތިން މިނެޓު ފަހުން މާޒިޔާއިން ވަނީ އެ ޓީމުގެ 10 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނާއިޒް ހަސަން (ދާދު)އެވެ. އަދި މާޒިޔާގެ 11 ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ދާދުއެވެ.
މާޒިޔާގެ 12 ވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޯށްދިނީ ޓަނާއެވެ. އަދި މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ ދާދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި ނަތީޖާއާއެކު މާޒިޔާއިން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު ނުވަ މެޗުން ލިބުނު 24 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ނުވަ މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ތިންވަނައިގައި ނުވަ މެޗުން ލިބުނު 13 ޕޮއިންޓާއެކުގައެވެ.
ކޮމެންޓު ފޮނުވާ