ރަޝިޔާއިން ރާއްޖެ އަންނަ މީހުން އިތުރުވެ، އިތުރު އެއަރލައިނަކުން ދަތުރު ފަށަނީ

ރަޝިޔާއިން ރާއްޖެ އަންނަ މީހުން އިތުރުވެ، އިތުރު އެއަރލައިނަކުން ދަތުރު ފަށަނީ

Author
ޢަލީ އާދަމް
11 ނޮވެމްބަރ 2020 12:53
0

ރަޝިޔާއިން ރާއްޖެ އަންނަ މީހުން އިތުރުވެ، އެ ގައުމުގެ ރޮސިޔާ އެއަރލައިނުން މިމަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖައްސައިފިއެވެ.

މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފަށާ މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ747-400 މަރުކާގެ ބޯޓެވެ. ރޮސިޔާ އެއަރލައިނުން ހަފްތާއަކު 1 ދަތުރު ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ކުރަން އަދި ހަމަޖެހިފައިވާއިރު އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާން އަދި ވަނީ ނިންމާފައެވެ.

އޭރޯފްލޮޓް ގްރޫޕްގެ ދަށުން ހިންގާ ރޮސިޔާ އެއަރލައިނުން ރާއްޖެއަށް ދަތުރުކުރަން ތައްޔާރު ވާއިރު، ރަޝިއާގެ އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތަށް އިތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ. ރަޝިޔާގެ ޝެރެމެޓޭވޯ އެއާޕޯޓުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް މިދިޔަ ސެޕްޓެމްބަރު މަހު 11 ވަނަދުވަހު ދަތުރުފެށި އޭރޯފްލޮޓުން ފުރަތަމަ ބާއްވަމުން އައީ ހަފްތާއަކު 2 ދަތުރެވެ.

މިދިޔަ މަހުގެ 26 ވަނަދުވަހުން ފެށިގެން އެ އަދަދު 4 ދަތުރަށް ވަނީ އިތުރު ކޮށްފައެވެ. މިއާއެކު ރަޝިޔާއިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އަނެއްކާވެސް އޭރޯފްލޮޓުން ވަނީ ދަތުރު އިތުރު ކުރަން ނިންމާފައެވެ. އެގޮތުން މި މަހުގެ 21 ވަނަދުވަހުން ފެށިގެން އެ އެއަރލައިނުން ރާއްޖެއަށް ހަފްތާ އަކު 8 ދަތުރު އަޅާނެކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެއެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު ދުވަހެއް ދުވަހަކަށް ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރ ލައިންތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.