ރޯދަ އާއި ސުވާލު: ރޭގަނޑު ޖިމާޢު ވުމުން ދުވާލު މަނި ބޭރުވެއްޖެ ނަމަ ރޯދަ ބާޠިލް ވާނެތަ؟

ރޯދަ އާއި ސުވާލު: ރޭގަނޑު ޖިމާޢު ވުމުން ދުވާލު މަނި ބޭރުވެއްޖެ ނަމަ ރޯދަ ބާޠިލް ވާނެތަ؟

ބައެއް ފަހަރަށް ރޭގަނޑު ޖިމާޢު ވުމަށްފަހު ދުވާލު ގަޑީގައި ވެސް މަނި ބޭރުވެއެވެ. މިގޮތަށް މަނި ބޭރުވެއްޖެނަމަ ރޯދަ ބާޠިލް ވާނެތޯ؟ މިގޮތަށް މެދުވެރިވެއްޖެނަމަ ނަމާދު ކުރުމަށް ހިނައިގަންނަން ޖެހޭނެތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ފުރަތަމަ ކަމަކަށް:

ރޭގަނޑު ޖިމާޢު ވުމުގެ ސަބަބުން ދުވާލު ގަޑީގައި މަނި ބޭރުވިޔަސް ވެސް ރޯދަ ބާޠިލެއް ނުވާނެއެވެ. އިރުއޮއްސުނީއްސުރެ ފަތިސްވުމަށް ދާންދެން ކައިބޮއި، ޖިމާޢުވެ ހެދުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެކެވެ. ސޫރަތުލް ބަގަރާގެ 187 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّ‌فَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّـهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَالْآنَ بَاشِرُ‌وهُنَّ وَابْتَغُوا مَا كَتَبَ اللَّـهُ لَكُمْ ۚ وَكُلُوا وَاشْرَ‌بُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ‌) މާނައަކީ: " ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް خيانة ތެރިވަމުން ދިޔަކަން، اللَّه، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައި، ތިޔަބައިމީހުންގެ ކިބައިން عفو ކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: جماع ވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! فجر ގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ."

ރޭގަނޑު ޖިމާޢު ވުމުގެ ސަބަބުން ދުވާލު ގަޑީގައި މަނި ބޭރުވިޔަސްވެސް ރޯދަ ބާޠިލް ނުވާނެ ކަމަށް ގިނަ ޢިލްމުވެރިންތަކެއް ނައްޞު ކުރައްވާފައިވެއެވެ.

ޙަނަފީ މަޛްހަބުގެ ފިގްހު ފޮތެއް ކަމުގައިވާ "އަލްޖައުހަރަތުއް ނައްޔިރާ" ގެ (1/138) ގައި ލިޔުއްވާފައިވެއެވެ. "މުޖާމިޢު (ޖިމާޢުވާމީހާ) ފަޖުރު ލައިފާނެކަމަށް ބިރަށް އުފުރާލައި، ފަޖުރުލުމަށްފަހު އޭނާގެ މަނި ބޭރުވީނަމަވެސް ރޯދަ ބާޠިލެއް ނުވާނެއެވެ."

މާލިކީ ފިގްހުގެ ފޮތެއް ކަމުގައިވާ "ޙާޝިޔަތުއް ދަސޫގީ" ގެ (1/523) ގައި ލިޔުއްވާފައިވެއެވެ. "ރޭގަނޑު ޖިމާޢުވެ ފަޖުރުލުމަށްފަހު މަނި ބޭރުވިނަމަވެސް، ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ. ރޭގަނޑު އަނދުން އަޅާފައިވަނިކޮށް ދުވާލުގަޑީގައި އަނދުނުގެ އަޘަރު ކަރުތެރެއަށް ކުރިޔަސް ރޯދަ ނުގެއްލޭ ފަދައިންނެވެ."

ޝާފިޢީ މަޛްހަބުގެ ފިގްހު ފޮތެއް ކަމުގައިވާ "އަލްމަޖްމޫޢު" ގައި އިމާމް ނަވަވީ ލިޔުއްވާފައިވެއެވެ. "ފަޖުރު ލުމުގެ ކުރިން ޖިމާޢުވެ، ފަޖުރުލުމާއި އެކު ނުވަތަ އޭގެ ކުޑަ އިރުކޮޅެއްފަހުން އުފުރާލައި، މަނި ބޭރުވެއްޖެނަމަވެސް ރޯދަ ބާޠިލެއް ނުވާނެއެވެ. ސަބަބަކީ އެމަނި ބޭރުވެފައިވަނީ މުބާޙް ގޮތުގައި ވެފައިވާ ޖިމާޢު އަކުން ކަމަށް ވުމުންނެވެ. އޭގެ ސަބަބުން ކައްފާރާ އެއްވެސް ދޭކަށް ނުޖެހޭނެއެވެ."

ދެވަނަ ކަމަކީ:

ޖިމާއު ވުމަށްފަހު ހިނައިގަނެ، އޭގެ ފަހުން މަނި ބޭރުވިޔަސްވެސް އަލުން ހިނައިގަންނާކަށް ނުޖެހޭނެއެވެ. އެއީ އެއް ސަބަބަކާ ހުރެ ދެހިނެއުމެއް ވާޖިބު ނުވާނެތީވެއެވެ. އެހެންނަމަވެސް، ޝަހްވަތުގެ ސަބަބުން މަނި ބޭރުވެއްޖެނަމަ ހިނައިގަންނަން ޖެހޭނެއެވެ." والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *