ބަދަލަކަށް ބޭނުންވެފައި ތިބި ގިނަ ރައްޔިތުންތަކެއް 2018 ވަނަ އަހަރު ނުކުމެ ލީ ވޯޓުން ބޮޑު އަގުލަބިއްޔަތެއްދީ ވެރިކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް އެހުންނެވީ ހޮއްވަވާފައެވެ. އަދި ޖެހިގެންއައި އަހަރު އެއަށްވުރެ ބޮޑު އަގުލަބިއްޔަތެއްދީ ވެރިކަން ހިންގާ ބާރު ތަމްސީލުކުރާ މައި ޕާޓީ އެމްޑީޕީއަށް ދައުލަތުގެ އަނެއް ބާރުވެސް އެވަނީ ހިބަކޮށް ދީފައެވެ. ދައުލަތެއް ފުރިހަމައަށް ހިންގަން ބަޔަކަށް މިވަރުގެ ފުރުސަތެއް ލިބޭނީ ގައިމުވެސް މަދު ފަހަރަކު ނޫންތޯއެވެ. ޔަޤީނުންވެސް ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއަށް ފައި ނެގި ފަހުންވެސް މިއީ މިހެން މިކަންދިޔަ ފުރަތަމަ ފަހަރެވެ.
ދެން އޮތީ ރައްޔިތުން މި އަމާނާތް ހަވާލުކުރި ތާ 2 އަހަރު ވީއިރު ސަރުކާރުން ރައްޔިތުންގެ ހެވާ ލާބައަށް، ހިތްހަމަޖެހޭ، ހަމަޖެހޭ ދިރިއުޅުމެއް ހޯދައި ދިނުމަށް ކޮށްދެވުނީ ކޮން ކަމެއްތޯ ބަލާލުމެވެ. ޔަޤީނުންވެސް 2 އަހަރުން " ކޮންމެވެސް ވަރެއް" އޮންނާން ވާނީ ކުރެވިފައި ކަމަށް ޤަބޫލު ކުރެވެއެވެ.
މުޖްތަމާއުތެރޭ ކުށްތައް އިތުރުވުމާއި އިޖްތިމާޢީ ބޮޑެތި މައްސަލަތަކުގެ މައި މުގޫ ކަމަށްވާ ދިރިއުޅުމުގެ ފެންވަރާއި ބޯހިޔާވަހި ކަމުގެ ދަތިކަމަށް ފާއިތުވި 2 އަހަރުތެރޭ އެކަށޭނަ މަސައްކަތެއް ކުރާތަން ފެނިފައި ނުވާކަމަށް ބުނަމުން ގެންދާ ރައްޔިތުންގެ ތެރޭ ހަމަޔަޤީނުންވެސް މި ސަރުކާރު ގެންނަން ވޯޓު ދިން ރައްޔިތުން މަދެއް ނޫނެވެ. އަޅުގަނޑު ވާހަކަދައްކާލި ގިނަ މީހުންގެ ޝަކުވާއަކީ މިދިޔަ ސަރުކާރުގައި ގާތްގަނޑަކަށް އެއްކޮށް އަޅާ ނިންމާފައި މި މިސަރުކާރަށް، ރައްޔިތުންނަށް ބަހާލަން ހަވާލުކުރި ފުލެޓް ކޮޅުވެސް އޭގެ ހައްޤުވެހި ނިކަމެތި ރައްޔިތުންނަށް ދިނުމަށް ނުކުޅެދިފައި ވާކަމެވެ.
ހަސަންބެ ( އަސްލު ނަމެއްނޫ) ވަންނާނެ އަމިއްލަ ބޯހިޔާވަހި ކަމެއް ނެތިފައި ހުންނަތާ ދޮށީ ފިރިހެން ދަރިފުޅުގެ އުމުރުން ވީހާ ދުވަހެއް ވީއެވެ. ހަސަންބެ ބުނާގޮތުން ދޮށީ ދަރިފުޅުގެ ވެސް މިހާރު ދެ ކުދިން އެބަ ތިއްބެވެ. ހަސަންބެ އަކީ ހިޔާފުލެޓް ލިބޭނެ ކަމުގެ ލިސްޓުގައި ނަން ހިމެނިފައި އޮތް ފަރާތެކެވެ.
"ޔާމިނު އަޅާފަ އެދީނީ އެހެރަހުރިހާ ބިލްޑިންގު ތައް، ހަމައެކަނި އަހަރެމެނަށް އެ ބަހާލަން، އެވަރު ކަމެއް ވެސް އެއުޅެނީ ކޮށް ނުލެވިގެން، މުޅިން ކޮތަރު ކޮށްޓޭ، ދެމީހުނަށް ވެސް އެތާ ނޫޅެވޭނޭ ކިޔައިގެ ބަހަނާ ދައްކަނީ. އަހަރެންމި ބުނަނީ ވަރިހަމައޭ ކޮތަކު ކޮށްޓަކަސް ބިސް ހާއްޔަކަސް. ގައިމު އަހަރެން އަހަރެންގެ އަންހެނުން ގޮވައިގެން އެތާ އުޅޭނީ މިހާރު މިތެޅޭ ތެޅުމަށް ވުރެ ހިތްހަމަ ޖެހިގެން އަމިއްލަ ތަނެއްގަ އުޅެވޭ ކަމުގެ އިހްސާސް ވެގެންދޯ" ހަސަންބެ ބުންޏެވެ.
ހަސަންބެ ފަދަ ކިތައް މީހުން އެ ފުލެޓްގެ އިންތިޒާރުގައި އެބަތިބި ހެއްޔެވެ؟ އެ ރައްޔިތުން ބޭނުންވަނީ ކޮންމެހެން މާމަތީ ފެންވަރުގެ ގެދޮރެއް ނޫނެވެ. ލަގްޒަރީ އެޕާޓްމަންޓް ތަކެއް ނޫނެވެ. ހަމައެކަނި އަމިއްލަ ބޯހިޔާވަހި ކަމެކެވެ.
ބޯހިޔާވަހި ކަމުގެ ވާހަކަ ދައްކާއިރު ދެން އޮތް އަނެއް ކަމަކީ ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށް ހުޅުމާލޭގައި ހަދަން ފަށާފައިވާ ފްލެޓް ތަކެވެ. އެއީ ހަމަ ޔަޤީނުންވެސް ވެރިކަމުގެ ފުރަތަމަ އަހަރުތެރޭ މީހުނަށް ވަދެވޭވަރު ކުރައްވަނާނެ ކަމަށް ވިދާޅުވެފައި ވާ ތަންތަނެވެ. އެހެން ބޭފުޅެއް ނޫނެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޭރުގެ އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ހުންނަވާ 2018 ވަނަ އަހަރު އޯގަސްޓް މަހު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވި ވާހަކަފުޅެކެވެ. އެކަން ވެސް ވިދާޅުވި ގޮތައް ނުނިމުނު އިރު އަޅުގަނޑުމެނަށް ފެނިގެންދިޔައީ އެތަނުގެ މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުން ތަކެއް ނުކުމެ ފުލުންނާ ދިމާއަށް ގާއުކާ ހަމަލާދިން ތަނެވެ.
އިޖްތިމާޢީ މައްސަލަތައް، ގެވެށި އަނިޔާ، ޖިންސީ ގޯނާ، ފަދަ ކަންކަން އިތުރު ވުމުގެ މައިގަނޑު މައްސަލަ އަށް ބޯހިޔާ ވަހިކަމުގެ ދަތިކަން ވާއިރު، ރައްޔިތުން ފުރިހަމަ ބާރުވެރިކަން ދިން ސަރުކާރަށް މިބަނީ ރައްޔިތުންގެ މި އެދުން ފުއްދައި ނުދެވިފައެވެ. ދެން ވިދާޅުވާން އޮންނާނެ އަނެއް ވާހަކައަކީ ނުވެ ހުރި ކަންކަމުގެ ވާހަކަ ދައްކަނީ އޭ އެވެ. ރައްރަށުގައި ބަނދަރުހެދުމާއި، ބިންހިއްކުމާއި، އިންޖީނުގެ އެޅުމާއި، މަގުހެދުމާއި، ބްރިޖް އެޅުން ފަތުއަޑުކިޔާފައި ކުރިއަށް ދާވާހަކައެވެ. ރަނގަޅު ވާހަކައެކެވެ. އެމްޓީސީސީން ނުނިދާ ހޭލާތިބެގެންވެސް އުމްރާނީ ތައްޤީގެ، މަސައްކަތްތައް އެބަ ކުރިއަށް ގެންދެއެވެ. ފެނަކަ އިން އިންޖީނުގެ އަޅާހިތް ވާވަރު ބޮޑުކަމުން އީއައިއޭ އަކަށް ހުއްދައަކަށް އެހެންކަމަކަށް ނުބަލާވެސް އިންޖީނުގެ ވެސް އަޅަމުން ގެންދަނީއެވެ.
ނަމަވެސް މި އުމްރާނީ ތަރައްޤީ ބޭނުންކުރާނެ ޖީލެއް މިދަނީ ގެއްލި ހަލާކުވަމުންނެވެ. އެއް ތަނެއްގައި އެތައް ބަޔަކު ދަތި ހާލުގައި ދިރިއުޅެން ޖެހުމުން ނުކުންނާނެ އެންމެ ނުބައި ނަތީޖާ މިދަނީ ފެންނަމުންނެވެ. ހަމަގައިމުވެސް މިދާއިރާއިން ސަރުކާރަށް ރިޕޯޓެއް ދޭނަމަ އަޅުގަނޑަށް ފާސްވާވަރުގެ ރިޕޯޓެއް ނުދެވޭނެއެވެ. ދެން ރައްޔިތުން ދޭނީ ކޮން ރިޕޯޓެއް ތޯއެވެ؟