ކުރިއަށް އޮތް 18 މަސްތެރޭގައި ސަރުކާރުން 1 ބިލިޔަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ: މުންދު

ކުރިއަށް އޮތް 18 މަސްތެރޭގައި ސަރުކާރުން 1 ބިލިޔަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ: މުންދު

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 10:28
0

ރާއްޖޭގެ ދަރަނި މިއަދު އޮތް ހާލަތަށް ބަލާއިރު ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މިސަރުކާރުން 1 ބިލިޔަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭނެކަމުގައި ޕީއެންސީގެ ނަައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް އޮތް މިންވަރާއިމެދު ވަރަށްބޮޑަށް ކަންބޮޑުވެ ވަޑައިގެން އެކަން ދިވެހި ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. ދައުލަތުން ނަގާފައިވާ ދަރަންޏާއި، ދަރަނި އަދާކުރަން އޮތް މުއްދަތަށް ބަލައި އެކަމުގެ ތަފްސީލް ހާމަކުރައްވަމުން މުންދު ވިދާޅުވީ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން 1 ބިލިޔަން ޑޮލަރު ދަރަނި ނެގި ފަރާތްތަކަށް އަދާކުރަންޖެހޭކަމަށެވެ.

ނަމަވެސް ސަރުކާރުން ބަޖެޓުގައި ޖަހާފައިވާ އާމްދަނީ ލިބޭނެ މިންވަރާއި، ފެންނަން ހުރި ހިސާބުތަކުން ފެންނަނީ ލިބޭ ފައިސާއިން ދެކޮޅު ނުޖެހި އަނެއްކާވެސް ދަރަނި ނަގަން މަޖުބޫރުވާ މަންޒަރުކަމަށެވެ. ނަމަވެސް މިސަރުކާރަށް ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ ކުންފުނި، ފިޗުން ރާއްޖޭގެ ރޭޓިން "ބީ މައިނަސް" އިން ވަނީ "ސީސީސީ" އަށް ދަށްކޮށްފައިވުމުން ދަރަނި ދޭން ދުނިޔޭގެ މާލީ އެއްވެސް އިދާރާއަކުން އެއްބަސް ނުވާނެކަމަށެވެ. ރާއްޖެއަށް ދެން އިތުރަށް މާލީ އެހީތެރިކަން ދޭނީ ވަކި މަޤްސަދެއްގައި ވަކި ނިޔަތެއްގައި މަސައްކަތްކުރާ ބަޔަކު އެކަނިކަމަށް މުންދު ވިދާޅުވިއެވެ.

މިއަދު ޤައުމު ވެއްޓިފައިވާ އަދަވަޅުން ސަލާމަތް ކުރުމުގެ އެއްވެސް އިލްމީ ޤާބިލުކަމެއް މިސަރުކާރުގެ ކިބާގައި ނެތްއިރު، ދައުލަތް ދަރަނިވެރިވިނޫން ތަނެއް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމިން ވެރިކަން ނިންމަވާލުމަށްފަހު މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ދައުލަތް ހަވާލުކުރިއިރު ދައުލަތުގެ ރިޒާވްގައި 1 ބިލިޔަނަށްވުރެ ބޮޑު އަދަދެއް ހުރިއިރު މިއަދު ދައުލަތުގެ ރިޒާވްގައިހުރި ފައިސާކޮޅުވެސް ނަގައި ރިޒާވުގައި ހުރި އަދަދު 40 މިލިޔަން ޑޮލަރަށް ތިރިވެފައިވާކަމަށް މުންދު ވިދާޅުވިއެވެ.

ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. އަދި ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިޞާދުއެތައް ގުނައެއް ދަށަށް ގޮސް، ދުނިޔޭގެ ނިސްބަތުންވެސް އިގްތިޞާދަށް އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ފިޗުން ބުނެފައިވެއެވެ.

ފިޗުގެ ރިޕޯޓް ބަލައިނުގަންނަނަކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.