ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލައި އެތަނުގައި އެ ދަނޑު އަލުން އެޅުމަށް ސަރުކާރުން ނިންމިއިރު އެ މަސައްކަތް ފެށުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާކުރާނެތޯ ބެލުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާ ސުވާލުކުރެއްވުމަށްވެސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށައެޅުއްވި ސުވާލުގައި މާލެ ސިޓީކައުންސިލްގެ ވާހަކަނެތީ ހަނދުމަފުޅު ނެތިގެންތޯ މޭޔަރު މުޙައްމަދު މުޢިއްޒު ސުވާލުކުރައްވައިފިއެވެ.
ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާ ސުވާލުކުރެއްވުމަށް މީކާއިލްގެ ހުށައެޅުއްވި ސުވާލުގައި ބުނެފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ގަލޮޅު ދަނޑު އާ ދަނޑެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާ އެކަން އިއުލާންކޮށްފައިވާއިރު މާލޭގެ ރައްޔިތުންނާ އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންނާ އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެެވެ.
އެހެންވެ މީކާއިލް ސުވާލުކުރައްވާފައިވަނީ މިމަޝްރޫއު ކުރިއަށް ގެންދާއިރު އާންމުންނާއި މަޝްވަރާ ކުރުމަށް ގަސްދުކުރައްވާ ވަގުތެއް ސާފުކުރެއްވުމަށެވެ. މީގެއިތުރުން މާލޭގެ މެދުގައި މިދަނޑު ތަރައްގީކުރުމުގެ ބަދަލުގައި މި ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެންނަން ވިސްނަވާފައިވޭތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.
މިކަމާއި ގުޅިގެން މޭޔަރު މުޢިއްޒު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނު ބުނާ ހަމައަކީ މިނިސްޓްރީތަކުން ނުވަތަ ޤައުމީ އިދާރާތަކުން މަޝްރޫޢުތައް ހިންގުމުގެ ކުރިން އެ ކައުންސިލަކާއި މަޝްވަރާކޮށް އެ ކައުންސިލެއްގެ އެހީގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުންކަމަށެވެ.
Thiya suvaalugai Male City Council ge vaahaka nethee handhumafulhu nethigen tho? Laamarukazee Qaanoon bunaa hamayakee ministry thakun (qaumee idhaaraathakun) mashroou thah hingumuge kurin e council akaa mashwara koh, e council ge eheegai rayyithunge khiyaal hoadhanvaanekan.
— Dr Mohamed Muizzu (@MMuizzu) April 8, 2022
މީކާއިލް މިހާރު ފުރުއްވަމުންދާ ދާއިރާއަކީ މީގެ ކުރިން މަޖިލީހުގައި މަހުލޫފް ފުރުއްވި ދާއިރާއެވެ. އަދި ގަލޮޅު ރަސްމީ ދަނޑު ނިސްބަތްވަނީވެސް މިދާއިރާއަށެވެ. މީކާއިލް ވިދާޅުވީ ގަލޮޅު ރަސްމީ ދަނޑު ތަޅާލައި އައު ދަނޑެއް އެތަނުގައި ތަރައްޤީ ކުރާކަމުގައިވާނަމަ، މާލޭގެ ރައްޔިތުންނާއި އަދި ވަކިން ޚާއްސަކޮށް ގަލޮޅުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހޭކަމަށެވެ.
ގަލޮޅު ދަނޑު ތަރައްޤީކުރުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް މިވަނީ އައު ގަލޮޅު ދަނޑުގެ 3D ކުރެހުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ.
އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން، ސާޅީސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާ ވަނީ ގަލޮޅު ދަނޑު ތަރައްޤީކުރުމަށް ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައެވެ.
އެހެންކަމުން ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ގާތްގަނޑަކަށް 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ. ފާއިތުވެގެންދިޔަ ދެ އަހަރުވެސް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ