ސައުދީ އަރަބިއާއަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ސައުދީ އަރަބިއާއަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ސައުދީ އަރަބިއާއަށް ރޯދަމަހުގެ ހަނދު ފެނުމާއި ގުޅިގެން، މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި އިއުލާން ކޮށްފިއެވެ.

ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ އެކި ހިސާބުތަކަށް ހަނދު ފެނިފައި ވުމާއި ގުޅިގެން، މިއަހަރުގެ އެޕްރިލްމަހުގެ 2 ވަނަ ދުވަހަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި އެގައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

ސައުދީ އަރަބިއާއިން މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުގައި ނިންމާފައިވާއިރު، މެލޭޝިއާއި އިންޑޮނޭޝިއާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުންވަނީ، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އާދީއަތް ދުވަސްކަމުގައި ނިންމާފައެވެ.

މިގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އެޕްރިލްމަހުގެ 3 ވަނަ ދުވަސްކަމުގައި މިހާރު އިއުލާން ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، ބުރޫނާއީއާއި، ސިންގަޕޯރއާއި، އަދި ޖަޕާން ހިމެނެއެވެ.

އެހެންނަމަވެސް، އިމާމް ކައުންސިލް އޮފް ސައުތު އޮސްޓްރޭލިއާއިން ފޭސްބުކުގައި އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، އެގައުމަށް ރޯދަމަހުގެ ހަނދު ފެނިފައި ވާކަމަށާއި، އެހެންކަމުން މިމަހުގެ 2 ވަނަ ދުވަހަކީ އެގައުމަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައެވެ.

އަރަބި ގިނަ ގައުމުތަކުން ރަމަޞާންމަހުގެ ފުރަތަމަ ދުވަސް އިއުލާން ކުރާނީ މިއަދުގެ މަޢުރިބް ނަމާދަށްފަހު އެވެ.

354 ނުވަތަ 355 ދުވަހުގެ މައްޗަށް އެކުލެވިގެންވާ ހިޖުރީ އަހަރުގެ މަސްތައް ކަނޑައެޅިގެން ދަނީ ހަނދުގެ ދައުރުވުމާ އެއްގޮތަށެވެ. އަދި އިސްލާމީ ކަލަންޑަރުގެ 9ވަނަ މައްސަރު ކަމުގައިވާ ރޯދަމަސް ފެށިގެންދަނީ ހަނދު ފެނުނުކަން ސާބިތު ކުރުމަށްފަހުއެވެ.

މިއަހަރުގެ ރޯދަމަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.5 ބިލިއަން މުސްލިމުން ރޯދަމަހަށް މަރުހަބާ ކިޔާނެއެވެ. ރަމަޟާން މަހަކީ އިސްލާމީ މައްސަރުތަކުގެ ތެރެއިން އެންމެ މާތް އެއް މައްސަރެވެ. އަދި އެމަހަކީ އެމަހެއްގައި ގުރުއާން ބާވާލެއްވުނު މައްސަރުވެސް މެއެވެ. އެމަހުގައި އަދާކުރާ އެންމެ މުހިންމު އަޅުކަން ކަމުގައިވާ ރޯދައަކީ އިސްލާމް ދީނުގެ 5 ރުކުންތަކުގެ ތެރޭގައި ހިމެނޭ އެއް ރުކުނެވެ.

މުސްލިމުން ފާހަގަކުރާ ދެ އީދުގެތެރެއިން ފިތުރު އީދު އަންނަނީ ރަމަޟާންމަސް ނިމުމާއިއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *