އެމްޑަބްލިއުއެސްސީގެ ފްލެޓްތައް މެއި މަހު ނިމޭނެ: ޝާޙް

އެމްޑަބްލިއުއެސްސީގެ ފްލެޓްތައް މެއި މަހު ނިމޭނެ: ޝާޙް

Author
މުޙައްމަދު ޖިމީ
31 މާރޗް 2022 12:26
0

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫޢގެ ދަށުން އެމްޑަބްލިއުއެސްސީން ޢިމާރާތްކުރަން ފެށި ފްލެޓްތަކުގެ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ނިމޭނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވެއްޖެއެވެ.

މާދަމާއަށް ފުރޭ އެކުންފުނީގެ 27 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުލު ދައްކަވަމުން ޝާހް ވިދާޅުވީ މިހާރު އިމާރާތް ކުރާ ޓަވަރުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި އެކުންފުނީގެ މުވައްޒަފުންގެ ބޮހިޔާވަހިކަމަށް އިތުރު އިތުރު ޓަވަރެއް އަޅަން ފެށޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ޝާޙް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން އިމާރާތްކުރަން ދޫކޮށްފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރެވެ. އެއީ ޖުމްލަ 384 އެޕަރޓްމަންޓެވެ. ނަމަވެސް އެ ކުންފުނިން ފަށާފައިވަނީ އެއް ޓަވަރުގެ މަސައްކަތެވެ. މިޓަވަރުގަ 1ކޮޓަރިއާ 2ކޮޓަރި އާއި 3ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާއިން ފެށިގެން ހަތަރުވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ އެއް ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. އަދި ފަސްވަނަ ފަންގިފިލާއިން ފެށިގެން 14ވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ 2ކޮޓަރިއާ 3ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

15 ފަންގިފިލާގެ ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ 393.95 އަކަފޫޓާއި 405.18 ދެމެދެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓު ތަކުގެ ބޮޑުމިނުގައި 692.63 އަކަފޫޓާއި 702.08 އަކަފޫޓު ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ސައިޒު އުޅެނީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުގައެވެ.

ކުންފުނީގެ ފްލެޓްލިބޭ ބައެއް މުޢައްޒަފުންނަށް ފްލެޓްވަނީ ޔަގީންވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.