ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ތ.ތިމަރަފުށިން ދިފާއުކޮށްފިއެވެ.
ތިމަރަފުށިން މި މުބާރާތުގެ ތަށި ދިފާޢުކުރީ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ކ.ގާފަރުގެ މައްޗަށް ތިމަރަފުށިން ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.
މިއީ ތިމަރަފުށިން މި މި މުބާރާތް ކާމިޔާބުކުރި 3 ވަނަ ފަހަރެއެވެ. އަދި މި މުބާރާތް ޖެހިޖެހިގެން 2 އަހަރު ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. ތިމަރަފުށިން ވަނީ 2016 އާއި 2019 އަދި 2022 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިއީ ކ.ގާފަރުން މި މުބާރާތުގެ ފައިނަލުގައި ވާދަކުރި 2 ވަނަ ފަހަރެއެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ތިމަރަފުށި ޓީމުންނެވެ. މި ލަނޑަކީ ގާފަރުގެ ކީޕަރު އަތުން ޖައްސާލި ބޯޅައެއް އެ ޓީމުގެ އަލީ މާއިޝްގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެއެވެ. އަދި އޭގެ ފަހުން ތިމަރަފުށީގެ އާދަމް ނަސީހް ވަނީ ތިމަރަފުށީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ.
ތިމަރަފުށިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ގާފަރުން ވަނީ ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ގާފަރުގެ އަޒްޔާން އިބްރާހިމް ވަނީ ގާފަރުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ، އެޓީމަށް އުއްމީދު ހޯދަދީފައެވެ. އަދި މެޗުގެ ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ގާފަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، އަލީ މާއިސް (މައްޓު) ޖަހައިދިން މޮޅު ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން އެއްވަރުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެއެވެ. އެގޮތުން ޕެނަލްޓީގައި 2-3 ގެ ނަތީޖާއަކުން ކ.ގާފަރުގެ މައްޗަށް ކުރިހޯދާ ތިމަރަފުށިން ވަނީ މުބާރާތުގެ ތަށި ދިފާޢުކޮށްފައެވެ.
ކޮމެންޓު ފޮނުވާ