ރަޝިއާއިން އެގައުމުގައި ހުރި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރާނީ، ގައުމުގެ ދެމިއޮތުމަށް ނުރައްކާ ވެއްޖެ ހާލަތެއްގައި އެކަނިކަމަށް އެގައުމުން ބުނެފިއެވެ.
ކުރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް އެމެރިކާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަރވިވްއެއްގައި ވިދާޅުވެފައިވަނީ، އެގައުމުން ޔޫކުރެއިންގައި މިހާރު ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރުމަށް ހަމަޖެހިފައި ނުވާކަމަށާއި، އެގައުމުން ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރާނީ، "ގައުމުގެ ދެމިއޮތުމަށް" ނުރައްކާ ވެއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ.
"ޔޫކުރެއިންގެ ހަނގުރާމައިން ނުކުމެދާނެ ނަތީޖާއަކީ ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރަންޖެހޭނެ ހާލަތެއް ނޫން،" ސީއެންއެއެންއަށް ފާއިތުވެދިޔަ ހަފްތާގައި ދެއްވި އިންޓަރވިއުގައި ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވަމުން ޕެސްކޯވް ވިދާޅުވެފައި ވެއެވެ
"އަހަރެމެންގެ އެބައޮތް ސެކިއުރޮޓީ ކޮންސެޕްޓެއް. އޭގައި ވަރަށް ސާފުކޮށް އެބައޮތް ބުނެފައި، ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރާނީ ގައުމުގެ ދެމިއޮތުމަށް ނުރައްކާވެއއްޖެ ހާލަތެއްގައި، ގައުމުގެ ސަލާމަތާއި ދެމިއޮތުމަށް އޮތް ނުރައްކަލެއް ނެތި ކޮށްލުމަށް އެކަނި ކަމަށް."
ރަޝިއާއިން ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރާނީ އެގައުމުގެ ދެމިއޮތުމާއި ސަލާމަތަށް ނުރައްކާވެއްޖެ ހާލަތެއްގައި އެކަނިކަމަށް ރަޝިއާއިން އެންމެ ފުރަތަމަ ބުނެފައިވަނީ ފާއިތުވެދިޔަ ހަފްތާގައި ތަރުޖަމާން ޕެސްކޯވް ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
އެހެންނަމަވެސް ޔޫކުރެއިންގެ ހަނގުރާމަ ފެށުނުތަނާ ކަހަލަ ގޮތަކަށް ރަޝިއާއިން ވަނީ އެގައުމުގެ ނިއުކުލިއަރ ފައުޖު ކުއްލި ހާލަތަކަށް ގެނެސްފައެވެ.
ރަޝިއާގެ ނިއުކުލިއަރ ފައުޖުތައް ކުއްލިހާލަތަކަށް ގެނައި ސަބަބެއް ކަމުގައި ރަޝިއާއިން ފަހުން ހާމަކޮށްފައި ވަނީ، ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން އެގައުމާދެކޮޅަށް އަޅަމުންދާ "ގާނޫނާއި ޚިލާފު" ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނިސޭޝަން (ނޭޓޯ)އިން ނެރެމުންދާ "ދެކޮޅުވެރިކަމުގެ" ބަޔާންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ.
ރަޝިއާއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ނިއުކުލިއަ ބާރެވެ. އެމެރިކާއަށް ވުރެ ގިނައިން އެގައުމުގައި ނިއުކުލިއަރ ހަތިޔާރު އެބަހުއްޓެވެ.
މިގޮތުން ރަޝިއާގެ ސްޓޮކުގައި 6،000 އަށްވުރެ ގިނައިން ނިއުކުލިއަރ ހަތިޔާރު (ވާރހެޑް) ހުރިއިރު، އެމެރިކާގެ ސްޓޮކުގައި ހުރީ 5،500 ނިއުކުލިއަރ ހަތިޔާރެވެ. ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓުންގެ ޑިރެކްޓަރ އޮފް ދަ ނިއުކުލިއަރ އިންފޮރމޭޝަން ޕްރޮޖެކްޓު، ހާރންސް ކުރިސްޓެންސެން ވިދާޅުވެފައިވާ ގޮތުގައި، ފެބްރިއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އެރިއިރު، ސްޓޮކުގައި ހުރި ގިނަ ވާރހެޑްތައް ހުރީ ރިޒާވްގައެވެ.
އަދި މީގެތެރިން، އެއްގަމާއި، ކަނޑާއި އަދި ވައިގެމަގުން ބޭނުންކުރެވޭ ގޮތަށް ހުރީ 1،600 ނިއުކުލިއަރ ވާރހެޑެެވެ. މި ވާހެޑްތަކަކީ، ބިމުން، ކަޑުން ނުވަތަ ކަނޑުމަތީ މަނަވަރަކުން ޖައްވަށް ފޮނުވާލައިގެން، އަދި އޭގެ އިތުރުން ބޮން އަޅައިގެން ބޭނުން ކުރެވޭ ގޮތަށް ހުރި ވާރހެޑްތަކެވެ.
ކޮމެންޓު ފޮނުވާ