ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު އައްޑޫއިން ވަނީ ބަޔަކު ހައްޔަރުކޮށްފައިކަމަށެވެ. ނަމަވެސް މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކިތައް މީހުންކަމެއް، އަދި ކޮން ބައެއްކަމެއްވެސް ހާމަކޮށްފައިނުވެއެވެ.
ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެންވެސް އައްޑޫއިން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އޭނާގެ މައްސަލަ ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ އެ ސިޓީގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފައެވެ. ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް އެކަޑެމީ ހުޅުުވާފައިވެ އެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޓެރަރިޒަމާއި ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާއި އެކު ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާނުލައި ހައްޔަރުކުރެވުމުގެ ބާރު ވަނީ ޤާނޫން ދީފައެވެ.
ކޮމެންޓު ފޮނުވާ