ރިޑަންޑަންސީ ޕޮލިސީގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޫކޮށްފައިވާނެ ކަމަށާއި، މި މައްސަލައިގައި ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި ތަޢާރަފުކުރި ރިޑަންޑަންސީ ޕޮލިސީގެ ދަށުން ވަޒީފާއިން ވަކިވާން އެދުނު ފަރާތްތަކާއެކު ޚާއްޞަ އެއްބަސްވުމެއް ގާއިމުކުރި ކަމަށާއި، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކަށް ލިބެންޖެހޭ ހަތަރު މަހުގެ މުސާރަ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. މި ސްކީމް ހުޅުވާލީ މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ނެރުނު އެތެރޭގެ މެމޯއަކާ ގުޅިގެންނެވެ.
މުވައްޒަފުންގެ އަދަދު މަދުކުރުމުގެ (ރައިޓް ސައިޒިންގ) މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ވަޒީފާއިން ވަކިވާން ޖެހޭ ފަރާތްތަކަށް އިއްޒަތްތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައި ކުންފުނިން ސިފަކުރެއެވެ. މި ފުރުޞަތުގައި ބައިވެރިވުމަށް މިހާތަނަށް 108 މުވައްޒަފަކު ފޯމު ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، ފެނަކައިން މުވައްޒަފުންނަށް މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކާއި މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ކުންފުނިން ވަނީ ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. ބަޔާނުގައި ބުނެފައި ވަނީ، އެފަދަ އެއްވެސް އަމަލެއް ނުހިންގާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ފަދައިން ކަމަށެވެ.
ކޮމެންޓު ފޮނުވާ