ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފޯރުކޮށްދޭ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދާއިރާ ފުޅާކޮށް، ކެމްބޯޑިއާއިން ޓްރާންޝިޕްމަންޓް ކާގޯ ބަލައިގަންނަން ފަށައިފިއެވެ.
މި ޚިދުމަތް ބޭނުންކުރާ ހަތަރުވަނަ ޤައުމަކީ ކެމްބޯޑިއާއެވެ. މިހާތަނަށް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްވެސް މި ޚިދުމަތް ބޭނުންކުރެއެވެ.
މުދާ ކެމްބޯޑިއާއިން ރާއްޖެއަށް ގެންނަނީ ކަނޑުމަގުންނެވެ. ދެން ރާއްޖެއިން ޔޫރަޕުގެ މަންޒިލްތަކަށް ފޮނުވަނީ ވައިގެ މަގުންނެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބުނީ، ކެމްބޯޑިއާއިން ކަނޑުމަގުން ފޯރި ފުރަތަމަ ކާގޯ ޝިޕްމަންޓް ކާމިޔާބުކަމާއެކު މަންޒިލަށް ވައިގެ މަގުން ފޮނުވާލައިފި ކަމަށެވެ. މި ޝިޕްމަންޓް ބެލެހެއްޓީ ސީ.އީ.އެފް ލޮޖިސްޓިކްސް އިންނެވެ. އަދި ފޮނުވާލީ ޤަޠަރ އެއަރވޭސް އިންނެވެ. އެމް.އޭ.ސީ.އެލް އިން ފާހަގަކުރި ގޮތުގައި، އޭޝިއާ އާއި ޔޫރަޕާ ގުޅުވާލާ ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވަމުން އެބަދެއެވެ.
މި ޚިދުމަތް ހިންގަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގުޅިގެންނެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ފާއިތުވި މަހު 335 ޓަނުގެ ކާގޯ ވަނީ ހަމަޖައްސާފައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ބޮޑު އިޤްތިޞާދީ ފައިދާއެއް ހޯދައިދޭ ޚިދުމަތެކެވެ. މި ޚިދުމަތް ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް ދެއެވެ. ރާއްޖޭގެ ބައިނަލްއަޤްވާމީ އެއަރލައިން ކަނެކްޓިވިޓީ ވަރުގަދަވުމުން، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތެވެ.
ކޮމެންޓު ފޮނުވާ