ހޫތީންގެ ހަމަލާއާ ގުޅިގެން ސައުދީގެ ބޮޑު ތެޔޮ ކާރުހާނާއެއް ބަންދުކޮށްފި

ހޫތީންގެ ހަމަލާއާ ގުޅިގެން ސައުދީގެ ބޮޑު ތެޔޮ ކާރުހާނާއެއް ބަންދުކޮށްފި

Author
އަހުމަދު
28 ޖުލައި 2026 06:52
0

ޔަމަނުގެ ހޫތީން ދިން ހަމަލާއަކާ ގުޅިގެން، ސައުދީ އަރަމްކޯއިން ދުވާލަކު 400،000 ފީފާގެ ތެޔޮ ސާފުކުރާ ކާރުހާނާއެއް ބަންދުކޮށްފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފިއެވެ.

ކޮންސަލްޓެންސީ ފާމް، އައިއާރް އިން ނެރުނު މެމޯއަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ، މި ހަމަލާގެ ސަބަބުން އިންޓެގްރޭޓެޑް ކޮމްޕޮސިޓް ގޭސިފިކޭޝަން ސައިކަލް ކޮމްޕްލެކްސް އާއި ތެޔޮ ޓޭންކް ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަރަމްކޯއިން ބުނެފައި ވަނީ މިހާރު މަރާމާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ މަހުގެ 15 ގެ ކުރިން އަލުން އެ ކާރުހާނާ ހިންގަން ފެށޭނެ ކަމަށެވެ.

މި ހަމަލާގެ ޒިންމާ ނަގާ ހޫތީ އަސްކަރިއްޔާގެ ތަރުޖަމާން ޔަހްޔާ ސާރީ ވިދާޅުވީ، ސައުދީ އަރަމްކޯއިން ޖިޒާން އާއި ޔަންބޫގައި ހިންގާ ސައިޓްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ދިން މި ހަމަލާތަކާ ގުޅިގެން، ޖިޒާނުގެ ކާރުހާނާއިން ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ.

މެދުއިރުމަތީގައި ހަނގުރާމައިގެ ހޫނުކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، ސައުދީގެ ބޮޑު ތެޔޮ ކާރުހާނާއެއް މިގޮތަށް ބަންދު ކުރަން ޖެހުމުން، ދުނިޔޭގެ ހަކަތައިގެ ސަޕްލައި ޗެއިނަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.