އިންޑިއާއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2022 10:29
0

މުހިއްމު 2 އެއްބަސްވުމެއްގައި ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު މިރޭ ސޮއިކޮށްފިއެވެ.

އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެޤައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ޤައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ޤާއިމްކުރެވުނު އެއްބަސްވުމެވެ.

މިނިސްޓްރީ އޮފް ހެލްތާއި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފއަރ އާ ދެމެދު ޤާއިމްކުރެވުނު ވެކްސިން ސެޓްފިކެޓާއި ގުޅޭ އެއްބަސްވުމާއެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށްވުރެ ގިނަ ފަސޭހަތައް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް (www.covidsafe.gov.mv) މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއްޤައުމު އަނެއް ޤައުމުން ބަލައިގަންނާނެއެވެ.

މިއަދު ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮރމެޓިކްސް ސެންޓަރ (އެން.އައި.ސީ) އާއި ދެމެދު ސޮއިކުރެވުނު ޕިއަރިންގ އެގްރިމެންޓް އަކީ މި ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ހަޔަރ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް އާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމްކޮށްދެއްވާފައެވެ.

މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވޭނެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ފޮރިން މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.