ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ހުރަސް އަޅާގޮތަށް ސަލާމަތީ ބާރުތަކުގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރާ ބޭފުޅުން މަޤާމުތަކުން ވަކިކުރާ ނެކަމުގައި ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިފަސްގަނޑުގެ އެންމެ ތަންކޮޅެއްވެސް ބޭރުގެ ބަޔަކަށް ލިބިދޭކަށް ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށެވެ. އެކަން މިހާރު ބާއްވާ އިންތިޚާބު ތަކުން ދިވެހި ރައްޔިތުން ސާފު ކޮށްދެއްވަމުން ދާކަމަށެވެ. މިނިވަންކަމަށްޓަކައި ދިވެހި ރައްޔިތުން މަގުތަކަށް ނިކުމެ ހިންގާ ހަރަކާތްތަކަށް ދެކޮޅު ހަދިނަމަވެސް މިކަން ނުހުއްޓުވޭނެކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސިފައިންވެސް އަދި ފުލުހުންވެސް އަމަލު ކުރަންޖެހޭ ދިވެހި ރައްޔިތުންގެ ހައްގުގައިކަމަށެވެ. ދިވެހި ރައްޔިތުންނާއި މިފަސްގަނޑުގެ ހައްގުގައި މަސައްކަތް ނުކުރެވޭނަމަ އެއީ ވެވޭ ޣައްދާރެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ތެރޭގައި ވެސް އަދި ފުލުހުންގެ ތެރޭގައިވެސް ތިބި ޤައުމަށް ޣައްދާރުވާ ވެރިންނަކީ ވެރިކަމާއި ހަވާލުވެ މަޤާމުތަކުން ވަކިކުރާނެ ބައެއްކަން މިއަދު ހަދާން ކުރަންޖެހޭކަމަށެވެ.
މިފަސްގަނޑަށް ކުލުނެއް ނެތި، ސިފައިންނާއި ފުލުުހުންގެ ތެރޭގައި މިކަމުގައި ދެކޮޅަށް ތިބި މީހުން މަޤާމުތަކުން ވަކިވާނެ. ތިޔަ ބޭފުޅުން ތިމުވައްސަސާތައް ސިޔާސީ ކުރާނަމަ ތިކަމުގެ ޖަވާބުދާރީ ވާންޖެހޭނެ. އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ އެކަން ކުރާނަން. މިކަންކަމަށް ޖަވާބުދާރީ ވާންޖެހޭނެ.
– ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު ޤައުމުގެ ހައްގުގައި ދިވެހި ރައްޔިތުން ނިކުންނަން ޖެހުނީ، މިފަސްގަނޑުގެ ހިމާޔަތުގައި ނިކުންނަންތިބި ސަލާމަތީ ބާރުތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުންކަމަށެވެ. މުޅި މުއައްސަސާ މިއަދު ފެނިގެންދަނީ ސިޔާސީވެ އިންޑިއާ ސަރުކާރުން ބުނާހާ ގޮތެއް ހަދާތަންކަމަށެވެ.
އިއްޔެ ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައިވެސް އަމުރުތައް އައީ އިންޑިޔާ ސަރުކާރުންކަމަށާއި، އެކަން ހުއްޓުވަން އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިންޑިޔާ އަސްކަރިއްޔާގެ އިސްބޭފުޅުންކަން ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ މިފަސްގަނޑުން އިންޑިއާ ސިފައިންނަށް ޖާގަ ނުދޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިހާރު ހިންގާ ހަރަކާތަކީ ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ