ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫޢު ހިމެނޭހެން 4 ދާއިރާއަކުން އެހީތެރިކަން ދިނުމުގެެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާއިދެމެދު ސޮއިކޮށްފިއެވެ.
ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެގައި ހިމެނެނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު ކުރިއަށްގެންދިއުމަށް ފޯރުކޮށްދެވޭ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެހީގެ އެއްބަސް ވުމާއި، އައްޑޫ ސިޓީގައި ޑްރަގްޑީޓޮކްސް ސެންޓަރެއް ގާއިމް ކުރުމުގެ މަޝްރޫއު (7،980،536.69 ރުފިޔާގެ ގްރާންޓް) އާއި ހަނިމާދޫ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރ ތަރައްގީކުރުމުގެ މަޝްރޫއު (1،711،434.60 ރުފިޔާގެ ގްރާންޓް) ގެ އެމް.އޯ.ޔޫގެ އިތުރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެތެރޭގައި ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ ތަޖުރިބާ ހޯދުމަށް މަގުފަހިކޮށްދިނުމާއިގުޅޭގޮތުން ސޮއިކުރި "އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް" އެއްބަސްވުމާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެއްބަސްވުން ހިމެނެއެވެ.

ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ ދިވެހި ފޮރިން ސެކްރެޓަރީ އަބްދުލް ޤަފޫރާއި އެކު ދެގައުމުގެ މެދުގައިވާ ގާތް ގުޅުމާއި އެކުގައި ކުރެވޭ މަސައްކަތްތައް ރިވިއު ކުރައްވާ، ކޯވިޑް-19އާއި ދެކޮޅަށް ދެގައުމުގައި ކުރެވެމުންދާ މަސައްކަތްތަކާއި މެދު މަޝްވަރާ ކުރައްވާ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ. ސެކްރެޓަރީ އަބްދުލް ޤަފޫރް ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން ވެފައިވާ ގިނަގުނަ އެހީ ފާހަގަކުރައްވާ، ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ގުޅުމާއި ސިއްހީ ދާއިރާގެ ގުޅުން، ވިޔަފާރި އަދި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަ ވަމުންދާކަން އުފަލާއިއެކު ފާހަގަކުރައްވާފައެވެ.
އަދި މީގެއިތުރުން ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމުގެ މަޝްރޫއުއަކަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ގާއިމް ކުރެވޭ އެކުވެނި ދުވާ ޓްރެކްގެ ސައިޓަށް ޒިޔާރަތްކުރައްވާ މަސައްކަތް ބައްލަވާލެއްވިއެވެ. މި ދެ މަޝްރޫއުއަކީ އިންޑިއާގެ 13 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދެވޭ 30 މަޝްރޫއުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫއުއެވެ. އަދި ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ އިންޑިއާއިން ތައްޔާރުކުރާ ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވާނޭ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ކޮމެންޓު ފޮނުވާ